ސިޔާސީ

ޚިޔާނާތުގެ ފައިސާ ހޭދަކޮށްފައިވަނީ މާލީ ފައިދާއަށްވުރެ ބޮޑަށް ސިޔާސީ ނިންމުންތަކަށް - އާޠިފް


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޚަރަދުކޮށްފައިވަނީ މާލީ ފައިދާތަކެއް ހޯދުމަށްވުރެބޮޑަށް ސިޔާސީ މުޢާމަލާތްތަކެއް ކުރުމަށްކަމަށް އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އާޠިފް ޝަކޫރު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާގެ މުޢާމަލާތްތައް 2014ވަނަ އަހަރުގެ ޖޫން ހިސާބުގައި އެސްއޯއެފް ކުންފުނިން ހިންގަންފަށާފައިވާކަމަށެވެ. އެއިރުން ފެށިގެންވެސް ބޮޑެތި ޢަދަދުތަކުން ނަގުދު ފައިސާ އެކައުންޓްތަކުން ނަގަމުންދިޔަކަމަށާ، އެއިން އެންމެ މުޢާމަލާތެއް ފިޔަވައި އެއްވެސް މުޢާމަލާތެއް ބީއެމްއެލްއިން އެފްއައިޔޫއަށް ފޮނުވާފައިނުވާކަމަށް އާތިފް ޝަކޫރު ވިދާޅުވިއެވެ. ނަމަވެސް ބީއެމްއެލްއިން އެސްޓީއާރު ފައިލްކޮށް އެފައިޔޫއަށް އަންގާފައިވަނީ 27 ނޮވެމްބަރު 2014 ގައި ހިނގާފައިވާ މުޢާމަލާތެއް އެކަނިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މުޢާމަލާތްވެސް އެފްއައިޔޫއަށް އެންގީ ވަކި ޚާއްޞާ ކަމެއް ހިނގައިގެންކަމަށް ބެލެވޭކަމަށްވެސް އާތިފް ވިދާޅުވިއެވެ.

"10 މިލިއަން، 11 މިލިއަން ރުފިޔާ ކޭޝްކޮށް ނަގާފަ އެބަހުރި. 27 މިލިއަނުންވެސް ކޭޝްކޮށް ނަގާފަ އެބަހުރި. އެހާ ބައިވަރު ފައިސާގެ މުޢާމަލާތްކުރަމުންދާތީ މީރާއާއި އިކޮނޮމިކް މިނިސްޓްރީން އެސްއޯއެފްގެ ޤާނޫނީ މަޢުލޫމާތު ގެނެސްގެން ބެލިއިރު އެނގުނީ އެއީ ވަރަށް ހަގު ކުންފުންޏެއްކަން. މިހާ ބޮޑު މުޢާމަލާތްތަކެއް ކުރެވޭވަރުގެ ކުންފުންޏެއް ނޫންކަން އެނގޭ. ޑޮލަރުގެ މާރުކުރމުގެ ލައިސަންސްވެސް ނެތް ކުންފުންޏެއް." އާޠިފު ވިދާޅުވިއެވެ.

އާޠިފްވަނީ އެސްއޯއެފްއިން ކޮށްފައިވާ މުޢާމަލާތްތަކަކީ ރާއްޖޭގެ އިޤްތިޞާދަށްވުރެ ބޮޑެތި މުޢާމަލާތްތަތަކެއްކަމަށްވެސް ކޮމިޓީގައި ވިދާޅުވެފައެވެ. އާޠިފް ވިދާޅުވީ އެ މުޢާމަލާތްތައް ހިނގި ދުވަސްވަރަކީ ސިޔާސީ ގޮތުން ވަރަށް ބޮޑެތި ކަންކަން ހިނގި ދުވަސްވަރެއްކަމަށެވެ. ދައުލަތުގެ ހަރުމުދާ ނުއަގުގައި ވިއްކާ އޭގެ މަންފާ ވަކިބަޔަކު ހޯދަމުން ދިޔައިރު، ސިޔާސީ ގޮތުން ބައެއް ކަންކަން ނިންމުމަށްވެސް އެފައިސާ ބޭނުންކޮށްފައިވާކަމަށް އާޠިފް ވިދާޅުވިއެވެ. އެގޮތުން އެދުވަސްވަރަކީ އެއިރުގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުޙައްމަދު ހައްޔަރުކުރުމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުވާކޮށް ހުކުމްކުރުމާއި، މޭޑޭގެ ބައެއް ކަންކަން ހިނގާދިޔަ ދުވަސްވަރެއްކަން އާޠިފް ފާހަގަކުރެއްވިއެވެ.

އާތިފް ވިދާޅުވީ، އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެމްއެމްޕީއާރުސީގެ ފައިސާ ނަގަމުންދިޔައީ ހައެއްކަ މީހުންކަމަށާއި، އެމީހުންގެ ހުރިހާ މަޢުލޫމާތުތަކެއްވެސް އެފްއައިޔޫގައި ހުންނާނެކަމަށެވެ. ޝައްކުކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އެއިރު ގަވަރުނަރަކަށް ހުންނެވި އަޒީމާ އާދަމްގެ ސަމާލުކަމަށް އެތައް ފަހަރަކު ގެންނެވިކަމަށާ، ނަމަވެސް އެ މުޢާމަލާތްތައް އިތުރަށް ދިރާސާކޮށް ބެލުމަށް އަޒީމާ ލަފާދެމުންދިޔަކަމަށެވެ. އަދި އެމައްސަލަތައް ތަޙްޤީޤްކުރުމަށް ފުލުހުންނަށް ހުށައެޅުމަށް ލިޔެކިއުމުންވެސް އަޒީމާއަށް ފޮނުވިކަމަށާ، އެ އީމެއިލްތައް އޭސީސީގެ ތަޙްޤީޤްގައި އޭނާއަށް ދެއްކިކަމަށްވެސް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ މަނީލޯންޑަރިންގެ މުޢާމަލާތްތައް ހުއްޓުވުމަށް ބީއެމްއެލްއާއި އޭސީސީންވެސް މަސައްކަތްކޮށްފައިނުވާކަމަށެވެ. އެގޮތުން އެސްޓީއާރު ބީއެމްއެލްއިން އެފްއައިޔޫއަށް ފޮނުވުމުގެ މާކުރިންވެސް އެކަން އޭސީސީއަށް އެނގޭނެކަމަށާއި އެކަން ހުއްޓުވުމަށް މަސައްކަތްކޮށްފައި ނުވާކަމަށް އާޠިފް ވިދަޅުވިއެވެ.

އެ މުޢާމަލާތްތައް ތަޙްޤީޤީ އިދާރާތަކަށް އަންގާފައިނުވާތީ މެންބަރުން ވަނީ އާތިފްއާއި ސުވާލުކުރައްވާފައެވެ. އާތިފް ވިދާޅުވީ އަޒީމާއަށް ހުރިހާ ކަމެއް އަންގަމުން ގޮސްފައިވާނެކަމަށާއި، ނަމަވެސް އެދުވަސްވަރުގެ "ވެށި"އޮތީ މުޢާމަލާތްތައް ހާމަކުރެވޭނެ ޙާލަތެއްގައި ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އާޠިފް ވިދާޅުވީ ޝައްކުކުރެވޭ މުޢާމަލާތްތަކާ ގުޅިގެން ބީއެމްއެލްގެ އިންޓެރިމް ރިސްކް އޮފިސަރ ޔާމީން އާދަމާ، ބައްދަލުކުރެއްވިކަމަށާ، އެ ބައްދަލުކުރެއްވުމުން އެސްއޯއެފްގެ ހުރިހާ މުޢާމަލާތްތައް ބީއެމްއެލްގެ އިސްވެރިންނަށް އެނގިތިބެ ނުހުއްޓުވީކަން އެނގުނުކަމަށްވެސް އާޠިފް ވިދާޅުވިއެވެ. އާޠިފް ވިދާޅުވީ ބީއެމްއެލްގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާއަކާއި އިދާރާތަކުންވެސް އެ މުޢާމަލާތްތަކަށް މަގުފަހިކޮށްދެމުން އައިސްފާވާކަމަށެވެ.

މަނީލޯންޑަރިންއަށް ޝާއްކުކުރެވޭ މުޢާމަލްތައް ނުހުއްޓުވުމަށް އާތިފް ލަފާދެއްވިކަމަށް ބީއެމްއެލްގެ ވެރިން ކުރެއްވިތުހުމަތުތައް އާޠިފްވެސް ވަނީ ދޮގުކުރައްވާފައެވެ. އަދި އެކަމުގައި ބީއެމްއެލްގެ ވެރިންނާއި ބައްދަލުކުރައްވާފައިވެސް ނުވާނެކަމަށް އާޠިފް ވިދާޅުވިއެވެ.