ޚަބަރު

"ކޯޓު އަމުރެއް ނެތަސް ރިޔާސީ ކޮމިޝަނާއި ތަޙްޤީޤު އިދާރާތަކަށް ބޭންކުން މަޢުލޫމާތު ދޭންޖެހޭ"


ކޯޓު އަމުރެއް ނެތަސް ރިޔާސީ ކޮމިޝަންތަކާއި އެހެންވެސް ތަހުގީގީ އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ލިޔުމަކުން އެދުމުން ބޭންކުން ފޯރުކޮށްދޭން ޖެހޭނެކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

މި ގޮތައް ސިވިލް ކޯޓުން ނިންމީ ކޯޓު އަމުރެއް ނެތި ރިޔާސީ ކޮމިޝަނަށް މަޢުލޫމާތު ދިނުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދެކޮޅުހަދައި ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ނިންމައި އެބޭންކާ ދެކޮޅަށްކުރި ހުކުމުގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، ކޮރަޕްޝަންގެ މައްސަލަތައް ބެއްލެވުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބޭންކުން ބުނެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލާގައި ހައިކޯޓުން ކުރި ހުކުމަށް ބެލުމުން ކޯޓުއަމުރެއްނެތި ބޭންކުން މަޢުލޫމާތު ދޭން ނުޖެހޭކަން އެނގޭ ކަމަށެވެ. އެ ހުކުމުގައިވާ ގޮތުން ކަސްޓަމަރުންގެ މައުލޫމާތު ދެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ހަތްދިހަ ދެވަނަ މާއްދާގެ (ހ)ގެ ދަށުންކަމަށް ބުނެފައިވާކަމަށާ، އެއިޖްރާއަތަކީ ކޯޓު އަމުރެއް އޮތުން ކަމަށް ބޭންކުން ބުނެފައިވެއެވެ.

ނަމަވެސް ސިވިލް ކޯޓުން ކުރެއްވި ހުކުމުގައި ވަނީ ހައިކޯޓުގެ ޙުކުމަކީ އެކައުންޓެއް ފްރީޒުކުރި މައްސަލައެއްގައި، އެ ފްރީޒުކުރި އަމުރު ނެރުމުގައި އިޖުރާއަތްތަކާ ޚިލާފުވިކަމަށް ކަނޑައެޅި ހުކުމެއްކަމަށެވެ. އޭގައި ބޭންކުން މަޢުލޫމާތު ދިނުމުގައި ޤާނޫނާ ޚިލާފު އިޖުރާއަތެއް ހިނގާފައި އޮތްކަމަށް ކަނޑައަޅާފައިނުވާ ކަމަށްވެސް ސިވިލް ކޯޓުންވަނީ ފާހަގަ ކުރައްވާފައެވެ. އަދި ބޭންކިން ޤާނޫނުގައި މަޢުލޫމާތު ދިނުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުން އެ ގާނޫނުގެ ސާޅީސް އެއްވަނަ މާއްދާގައިވާ ގޮތުން ޖިނާޢީ ކުށްތައް ތަހްގީގުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިއްޖެ ހިނދެއްގައި އެ މަޢުލޫމާތެއް ފޯރުކޮށްދޭން ޖެހޭނެކަމަށް މައްސަލަ ނިންމުމުގައި އޮތީ ފާހަގަ ކުރައްވާފައެވެ.

ހަމަ އެހެންމެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ހަތްދިހަ ދެވަނަ މާއްދާގެ (ބ)ގައި ބޭންކިން ޤާނޫނުގެ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ޖިނާޢީ ކުށްތައް ތަހުގީގުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި ޑިޕޮސިޓްތަކާއި ޓްރަސްޓްތަކާއި ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް ހުރަސް ނާޅާ ކަމަށް ބުނެފައިވާކަން ވެސް ހުކުމްގައި ފާހަގަކުރިއެވެ.

މި މައްސަލާގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ވެސް ތަދައްޚުލްވިއެވެ. އެކޮމިޝަނުން އެ މައްސަލައިގެ ތެރެއަށް ޝަރުއީ މަރުހަލާގައި ވަދެފައިވަނީ ބީއެމްއެލްއިން އެ ކޮމިޝަނަށްވެސް މަޢުލޫމާތު ދިނުން ހުއްޓާލާފައިވާތީއެވެ.