ޚަބަރު

3 ރަށެއްގެ ސްކޫލުތަގައި މަލްޓި ޕަރޕަސް ހޯލް ހަދަން ބަޔަކާއި ހަވާލުކުރައްވައިފި


3 ރަށެއްގެ ސްކޫލުތަގައި މަލްޓި ޕަރޕަސް ހޯލް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާއި ހަވާލުކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ހަވާލުކުރައްވާފައިވަނީ ނ.އަތޮޅު މަދަރުސާއާއި،ތ.ވޭމަންޑޫ ސްކޫލްއާއި ދ.މާއެނބޫދޫ ސްކޫލުގައި ދެ ފަންގިފިލާގެ މަލްޓި ޕަރޕަސް ހޯލް އެޅުމަށެވެ. މިމަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓްއާއެވެ.
މި 3 ރަށުގައި މަލްޓި ޕަރޕަސް ހޯލް އެޅުމަށް ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ބާވީސް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒެވެ. މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މުޙައްމަދު ސަޢީދެވެ. މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ދެ ފަންގިފިލާއަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒް ވިދާޅުވީ މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް 2020ވަނަ އަހަރުގެ އޮގަސްޓްމަހު ނިންމާ ބޭނުންކުރަން ފެށޭނެކަމަށެވެ.

"މިއީ 500ކުދިންގެ ޖާގައިގެ ހޯލްތަކެއް. އިލެކްޓްރިކް ރޫމާއި، 2 ޗޭންޖިންގ ރޫމާއި، 4 ފާޚަނައާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ފާޚަނައަކާއި، ސްޓޯރޫމާއި، ރޭމްޕްވެސް ހިމެނޭނެ." ރިޔާޒް ވިދާޅުވިއެވެ.

މިއހަރުގެ ޕީއެސްއައިޕީގެ ތެރެއިން 20 ޕްރޮޖެކްޓެއް އިޢުލާންކޮށް އެވޯޑުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ދަނީ ކުރަމުންނެވެ. މީގެ ތެރރޭގައި 54 ކްލާސްރޫމްއާއި 16 މަލްޓިޕާޕޯސް ހޯލާއި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން 114 އުމްރާނީ ވަސީލަތްތައް ފޯރުކޯށްދިނުން އެދެމެވެ.މި ޕްރޮޖެކްތްތަކަށް ޖުމުލަ 156 މިލއަން ޚަރަދުވާނެކަމަށް އެޑިއުޚޭޝަން މިނިސްތްރީން ލަފާކުރެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިހާރުވެސް 17 ޕްރޮޖެކްޓްގެ ޑިޒައިނިން މަސައްކަތް ނިމި އިޢުލާން ކުރުމުގެ މަސައްކތް ކުރިއަށްދާކަމަށެވެ. މިގޮތުން 175 ކްލާސްރޫމާއި 4 މަލްޓި ޕާރޕޯސް ހޯލް އަދި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަޞީލަތްތައް ފޯރުކޯސްދިނުން ހިމެނެއެވެ. މި މަސައްކަތްތަކަށް 434 މިލިޔަށް ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރެއެވެ. އަދި އެ މިނިސްޓްރީން ވަނީ ސްކޫލްތައް އާބާތުރަ ފިލުވުމަށްވެސް ގާގްގަނޑަކަށް 40 މިލޔަން ރުފިޔާ ޚާރަދުކޮށްފައެވެ.

މިއަހަރު ސަރުކާރުން ލަފާކުރި ބަޖެޓުގެ ޕީއެސްއައިޕީ އިން ތަޢުލީމީ ދާއިރާއަށް ދުއިސައްތަ ސާޅީސް ހަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.