ޚަބަރު

ދުނިޔޭގެ ބޮޑެތި ބްރޯޑްކާސްޓަރުން ބައިވެރިވާ މީޑިއާ ސަމިޓްފެށިއްޖެ




ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ބައިވެރިވާ އޭޝިއާ މީޑިއާ ސަމިޓް ފެށިގެން ކުރިއަށް އެބަ ދެއެވެ.

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓް ޑިވެލޮޕްމެންޓް (އޭ.އައި.ބީ.ޑީ) އާއި، މެމްބަރު ޤައުމުތަކާއި، ބައިނަލްއަގުވާމީ ޕާޓްނަރުން ގުޅިގެން މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބާއްވާ މިސަމިޓްގައި ޕަބްލިކް ސަރވިސް މީޑިއާ ތަމްސީލު ކުރައްވަނީ، ޗެއަރމަން އިބްރާހިމް އުމަރު މަނިކު އާއި، މެނޭޖިންގ ޑިރެކްޓަރ އިބަރާހިމް ހަލީލް އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް ޢަބްދުލް ލަތީފް އެވެ.

އަންގާރަ ދުވަހު ފެށުނު މިސަމިޓް ހުޅުއްވާ ދެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި، މެލޭޝިއާގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން އެންޑް މަލްޓިމީޑިއަރ ދާތޯ ސިރީ އަހްމަދު ޝަބްރީ ޗީކް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިފަހަރުގެ ސަމިޓްގެ ތީމް އަކީ، "ސޯޝަލް މީޑިއާގެ ޒަމާނެއްގައި ބަދަލުވަމުންދާ ބްރޯޑްކާސްޓިންގ ދާއިރާ" މިއެވެ. 

ތިން ދުވަހަށް ކުރިޔަށްދާ މި ސަމިޓްގައި، މަޝްވަރާ ކުރެވޭ ކަންތައްތަކުގެ ތެރޭގައި، ބްރޯޑްކާސްޓިންގ ގައި ސޯޝަލް މީޑިއާ ކުޅޭ ދައުރާއި، ބްރޯޑްކާސްޓިންގ އަށާއި އޭގެ ވިޔަފާރިއަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރާ އަސަރުތަކުގެ މައްޗަށް މަޝްވަރާ ކުރުން ހިމެނެއެވެ.

މިބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި އދގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ދެއްވި ވީޑިއޯ މެސެޖެއްގައި، މަޢުލޫމާތު ލިބިގަތުމުގައި ސޯޝަލް މީޑިއާ މިހާރު ކުޅެމުންދާ ދައުރުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ނޭޕާލަށް އެންމެ ފަހުން އައި ބިންހެލުމުގައި އެންމެ ފުރަތަމަ މަންޒަރު ދުއް މީހުންގެ މަޢުލޫމާތު ބައިނަލްއަގުވާމީ މީޑިއާއަށް ލިބިގެން ދިޔައީ މޯބައިލް ޑިވައިސްތައް މެދުވެރިކޮށް ކަން ފާހަގަ ކުރެއެވިއެވެ. އަދި އެއާއެކު، ހާލުގައި ޖެހިފައިތިބި މީހުން ފާހަގަ ކޮށް އެމީހުންނާ ބެހޭ މަޢުލޫމާތު ހޯދުމަށް ބްރޯޑްކާސްޓަރުން ދިއައީ ސޯޝަލް މީޑިއާގެ ފަހަތުންކަން ބަންކީ މޫންގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މިސަމިޓްގެ ޕްރީ ސަމިޓް ބައްދަލުވުންތަކުގެ ތެރެއިން، ޔޫރޯވިޝަން އެކަޑަމީއާއި، ސީސީޓީވީ ގުޅިގެން ހިންގި ސްމާޓްފޯނުން ނަގާ ވިޑިއޯ ކޮންޓެންޓާ ބެހޭ މާސްޓަރ ކްލާހެއްގައި ޓީވީއެމް ގެ ސީނިއަރ ކެމެރާމަން މުހައްމަދު ޝިޔާޒް ވަނީ ބައިވެރިވެފައެވެ. މި ސެޝަންގައި ޝިޔާޒް ފޯނުން އުފެއްދި ޕްރޮޑަކްޝަން އަށް ސަމިޓްގެ ބައިވެރިންގެ ތައުރީފް ލިބިގެންދިއައެވެ. 

އޭޝިއާ މީޑިއާ ސަމިޓަކީ، މި ސަރަހައްދުގެ ބްރޯޑްކާސްޓަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ތަޖްރިބާ ބަދަލުކުރުމަށް ފުރުޞަތު ލިބިގެންދާ ބްރޯޑްކާސްޓަރުންގެ ބޮޑު މަހާސިންތާއެކެވެ.  ބްރޯޑްކާސްޓް ދާއިރާގެ ޑިސިޝަން މޭކަރުންނާއި، މީޑިއާގެ ދާއިރާގެ ތަޖްރިބާކާރުންނާއި، ޚަބަރާއި، ޕްރޮގްރާމިންގގެ ދާއިރާގައި އިސްދައުރެއް އަދާކުރަމުންގެންދާ ކުންފުނިތަކުން މިސަމިޓްގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ އިތުރުން އެފްރިކާ، ޔޫރަޕް، މެދުއިރުމަތި، އަދި އުތުރު އެމެރިކާ ސަރަހައްދުގެ މަންދޫބުން ވެސް ހިމެނެއެވެ.