ކުޅިވަރު

ފޯސީޒަންސް މޯލްޑިވްސް ސާރފިން ޗެމްޕިއަންސް ޓްރޮފީ ފަށައިފި


ފޯސީޒަންސް މޯލްޑިވްސް ސާރފިން ޗެމްޕިއަންސް ޓްރޮފީ ފަށައިފިއެވެ.

ދުނިޔޭގެ މަޝްހޫރު ހަ ރާޅާއެޅުންތެރިން ވާދަކުރާ މި މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ވަނީ، މުބާރާތް ބާއްވާ، ފޯސީޒަންސް ކުޑަ ހުރާ ގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޔޫތް މިނިސްޓަރ އަޙުމަދު މަހްލޫފްއެވެ.

މިނިސްޓަރ މަހްލޫފުގެ އިތުރުން، ކުޅިވަރާބެހޭ ވުޒާރާގެ އިސްވެރިންނާއި، ފޯސީޒަންސް ކުޑަހުރާގެ އިސް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާ ރާޅާ އެޅުންތެރިންނަކީ، އޮސްޓްރޭލިއާގެ ޖޮއެލް ޕާކިންސަން، ހަވާއިގެ ކައި ލެނީ، ބްރެޒިލްގެ ވިގޮލީ ޑަންތޭސް، އޮސްޓްރޭލިއާގެ މެޓް ވިލްކިންސަން އަދި މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އޮސްޓްރޭލިއާގެ ޖޯޝް ކާރ އަދި ރާއްޖޭގެ ގައުމީ ޗެމްޕިއަން މުޙައްމަދު ފަޔާޒްވެސް މި މުބާރާތުގައި ވާދަކުރާނެއެވެ.
މިފަހަރުގެ މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ ރާޅާއެޅުންތެރިންނަކީ ސާރފިން ވޯލްޑް ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ ޖޮއެލް ޕާކިންސަން އާއި، ބިގް ވޭވްގެ ރަސްގެފާނުގެ ގޮތުގައި މައްޝޫރު ކައި ލެނީއެވެ. މުޅިން އަލަށް މިމުބާރާތުގައި ވާދަކުރާ ކައި ލެނީ ވަނީ އެންމެ ފަހުން ބޭއްވުނު ވޯލްޑް ސާރފިންގ ލީގު ބިގް ވޭވް އެވޯޑްސްގެ ފިރިހެން އެންމެ މޮޅު ބިގްވޭވް ރާލާއެޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.