ކުޅިވަރު

އިންޑިޔާގެ ޓީމްތަށް ބަލިކުރުމަކީ ލިބުނު އެންމެ ބޮޑު ކާމިޔާބީ - އަރީފް


ދިވެހިރާއްޖެއާއި އެންމެ ވާދަވެރި އިންޑިޔާގެ ވަރުގަދަ ދެ ޓީމް ބަލިކޮށް ޖޯއީ ޔޫތް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަކީ މާޒިޔާގެ ޒުވާން ޓީމުން ހޯދި ކާމިޔާބީ އެންމެ ބޮޑަށް ޚާއްސަވާ އެއް ސަބަބުކަމަށް ކޯޗު މުޙައްމަދު އަރީފް ބުނެފިއެވެ.

މާޒިޔާގެ ޒުވާން ޓީމުން އިންޑިޔާގައި ކުރިއަށްދިޔަ އިންޓަނޭޝެނަލް ކަޕް އޮފް ޖޯއީގެ ޔޫތް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ފަހަތުންއަރާ އިންޑިޔާގެ ގަދަ ބާރު ބެންގަލޫރު އެފްސީގެ އެކަޑެމީ ތިނެއް އެކަކުން ބަލިކޮށްގެންނެވެ. ސެމީ ފައިނަލުގައި މާޒިޔާއިންވަނީ ވަރުގަދަ ޗެންނާއީ އެފްސީވެސް ބަލިކޮށްފައެވެ.

މާޒިޔާ 14 އަހަރުން ދަށުގެ ޓީމްގެ ކޯޗު މުޙައްމަދު އަރީފް ބުނީ އިންޑިޔާގެ ވަރުގަދަ ދެ އެކަޑެމީ ބަލިކޮށް ތަށި ނެގުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށެވެ. އޭނާ ބުނީ އެ ދެ ޓީމާއި ވާދަކުރި ދެ މެޗުގައިވެސް މާޒިޔާއިން ކުރި ހޯދީ ފަހަތުން އަރާކަމަށާއި، މިއީ ކުޅުންތެރިންގެ ހިތްވަރުން ލިބުނު ކާމިޔާބީއެއްކަމަށެވެ.

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިންޑިޔާގެ ވަރުގަދަ ދެ ޓީމް ބަލިކުރުން. އަސްލު ވަރުގަދަ ޓީމްތަކެއް ބައިވެރި، ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުވެސް ވަރަށް ވަރުގަދަ. ފައިނަލާއި ސެމީ ފައިނަލްގައި އަހަރުމެން މި ބަލިކުރީ އެންމެ ވަރުގަދަ ދެ ޓީމް. އެހެންވީމަ ވަރަށް ބޮޑު ކާމިޔާބެއްކަމަށް ބެލެވެނީ" އަރީފް ބުންޏެވެ.

އަރީފް ބުނީ ޗެމްޕިއަން ޓީމްގެ އިތުރުން މާޒިޔާގެ ޒުވާން ޓީމްގެ ކެޕްޓަން މުޙައްމަދު އިޔާން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދުމަކީވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.