ޚަބަރު

ޕާކިސްތާނުން 1.5 މިލިޔަން ރުފިޔާގެ ތަކެތި، އިސްކަންދަރު ސްކޫލަށް ހަދިޔާކޮށްފި

އިސްކަންދަރު ސްކޫލްގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ގިނަ ޢަދަދެއްގެ ތަކެތި ޕާކިސްތާނު އެމްބަސީން އިސްކަންދަރު ސްކޫލަށް ހަދިޔާކޮށްފިއެވެ.

ޕާކިސްތާނު އެމްބަސީން އެސްކޫލަށް ހަދިޔާކޮށްފައިވަނީ ސްކޫލް ހޯލަށް ބޭނުންވާ 55 އިންޗީގެ 16 ޓީވީ ހިމެނޭ ޑިޖިޓަލް ޓީވީ ވޯލްއަކާއި، ހުރިހާ ސާމާނެއް ހިމެނޭހެން ސައުންޑް ސިސްޓަމްއަކާއި 24 ޔޫޕީއެސް ހިމެނެއެވެ.

މީގެއިތުރުން ސްކޫލްގައި ބާއްވާ އެކިޙަފްލާތަކަށް ބޭނުންކުރާނެ 150 އެގްޒެކެޓިވް ގޮނޑިއާއި ކްލާސްރޫމްތަކަށް ބޭނުންވާ 55 އިންޗީގެ 8 ޓީވީއެވެ. އަދި މި ތަކެއްޗަކީ ގާތްނގަނޑަކަށް 1.5 މިލިޔަން ރުފިޔާގެ ތަކެއްޗެވެ.

މި ތަކެތި ހަވާލުކުރުމުގެ ގޮތުންވަނީ ސްކޫލް ހޯލުގައި ބަހައްޓާފައިވާ ޑިޖިޓަލް ޓީވީ ވޯލް ހުޅުވާފައެވެ. މި ވޯލް ހުޅުވައިދެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ އަޙްމަދު އަންވަރުއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންވަނާ ސަފީރު ރިޓަޔަރޑް ވައިސް އެޑްމިރަލް ވަސީމް އަކްރަމް ވިދާޅުވީ ޕާކިސްތާނާއި ދިވެހި ރާއްޖެއަކީ މުސްލިމް ދެ ޤައުމަށް ވުމުން އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަކީ މުހިއްމު ކަމެއްކަމަށެވެ.

މިގޮތުން އެ ޤައުމުން އިސްކަންދަރު ސްކޫލަށް ދިން އެހީއަކީ ދެ ޤައުމަކީވެސް މުސްލިމް ޤައުމަކަށް ވުމުން ދިން އެހީއެއްކަމަށެވެ. ޤައުމެއްގައި ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރުމަށް ބޭނުންވާނަމަ ދަރިވަރުންނަކީ ޒަމާނީ ޓެކްނޮލަޖީއަށް ހޭލުންތެރި ބައެއްގެ އިތުރުން އެތަކެތި ބޭނުންކޮށްގެން ކިޔަވާ ދަރިވަރުންތަކަށް ވާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލުގެ ފަރާތުންވަނީ ޕާކިސްތާނު ސަރުކާރުން ދިންއެހީ ފާހަގަކޮށް ސަފީރު ރިޓަޔަރޑް ވައިސް އެޑްމިރަލް ވަސީމް އަކްރަމަށް ހަދަނީ ފިލައެއް އަރުވާފައެވެ. އިސްކަންދަރު ސްކޫލްގައި ބެހެއްޓީ ޑިޖިޓަލް ވޯލަކީ މިހާތަނަށް ރާއްޖޭގައި ބެހެއްޓި އެންމެބޮޑު ވޯލްކަމަށް އެ ސްކޫލްއިން ބުނެއެވެ.

އިސްކަންދަރު ސްކޫލްއިން ގެންދަނީ އެ ސްކޫލްއަކީ ޓެކްނޮލަޖީއަށް ރައްޓެހި ތަނަކަށް ހެދުމަށްޓަކައި ގިނަމަސައްކަތްތަކެއްކުރަމުންނެވެ. މިގޮތުން އެސްކުލްގައި ހުންނަ ކްލާސްރޫމްތަކުގައި ޒަމާނީ ޓީވީހަރުކޮށް ދަނީ ކިޔަވައިދެމުންނެވެ. އަދި މިއހަރު ތެރޭ އެ ސްކޫލްގައި ވަނީ ޓިޖިޓަލް ލައިބްރަރީއެއްވެސް ހުޅުވާފައެވެ.