ސިޔާސީ

ސުޝްމާއަކީ ރާއްޖޭގެ ގާތް ބައިވެރިއެއް- ރައީސް


އިންޑިއާގެ ކުރީގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސުވަރާޖަކީ ރާއްޖޭގެ ގާތް ބައިވެރިއެއްކަމަށް ވިދާޅުވެ އެކަމަނާ އަވަހާރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޢުމުރުފުޅުން 67 އަހަރުގައި ސުޝްމާ އަވަހާރަވެފައިވަނީ ޙާޓް އެޓޭކެއް ޖެހިވަޑައިގެން ރޭގެ ވަގުތެއްގައެވެ.

ސުޝްމާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކަމަނާ އަވަހާރުވުމަކީ އިންޑިއާއަށާއި އެޤައުމުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމަށެވެ. ރައީސްގެ ޓްވީޓުގައި ސުޝްމާއަކީ ރާއްޖޭގެ ވަރަށް ގާތް އެކުވެރިއެއްކަމަށް ސިފަކުރައްވާ ވިދާޅުވީ އެކަމަނާއަކީ އިންޑިއާގެ "ހަޤީޤީ"ދަރިއެއްކަމަށާއި، އެކަމަނާގެ މަސައްކަތްޕުޅު އަބަދުވެސް ހަނދުމަފުޅު ހުންނަވާނެކަމަށެވެ. ސުޝްމާވަނީ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރު މިއަހަރުގެ ކުރީކޮޅު ރާއްޖެ ވަޑައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިވެސް ބައްދަލުކުރައްވާފައެވެ.

ސުޝްމާ ސުވަރާޖު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިރު ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރައްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. ޚާއްޞަކޮށް ރާއްޖޭގެ މިހާރުގެ ސަރުކާރާ ގާތް ގުޅުމެއް އެކަމަނާވަނީ ބާއްވަވާފައެވެ. އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖޭގެ ފުރަތަމަ އެކުވެރިޔާގެ ގޮތުގައި ކަމަށް ވިދާޅުވެފައިވެ ރާއްޖެއާއެކު ގުޅުން ހަރުދަނާކުރެއްވުމުގެ ވާހަކަފުޅުތައް ތަކުރާރުކޮށް އެކަމަނާވަނީ ދައްކަވާފައެވެ.