ޚަބަރު

އިންޑިޔާގެ ކުރީގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް އަވަހާރަވެއްޖެ


އިންޑިޔާގެ ކުރީގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް އަވަހާރަވެއްޖެއެވެ.

އެކަމަނާ އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާހޯއްދަވަމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިގެންކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ 67 އަހަރެވެ.

ސުޝްމާ ސުވަރާޖަކީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހަށް 7 ފަހަރު އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ. އެކަމަނާގެ ސިއްޙީ ހާލަތުގެ ސަބަބުންއެންމެ ފަހުންއޮތް ޢާއްމު އިންތިޚާބުގައި އެކަމަނާ ވާދަކުރައްވާފައެއްނުވެއެވެ.

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފުރަތަމަ ދައުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި ސުޝްމާ ސުވަރާޖަކީ ތަފާތު ރޮނގުރޮނގުން އެގައުމުގެ ރައްޔިތުންނަށް ޚިދުމަތްކުރައްވާފައިވާ އިންޑިއާގެ ރައްޔިތުންގެ މެދުގައި ވަރަށްމަޤުބޫލު ސިޔާސީ ލިޑަރެކެވެ.

އެކަމަނާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރުގެ މަޤާމުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރައްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. ޚާއްޞާކޮށް ރާއްޖޭގެ މިޙާރުގެ ސަރުކާރާ ގާތް ގުޅުމެއް އެކަމަނާވަނީ ބާއްވަވާފައެވެ. އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖޭގެ ފުރަތަމަ އެކުވެރިޔާގެ ގޮތުގައި ކަމަށް ވިދާޅުވެފައިވެ ގުޅުން ހަރުދަނާކުރެއްވުމުގެ ވާހަކަފުޅުތައް ތަކުރާރުކޮށް އެކަމަނާވަނީ ދައްކަވާފައެވެ.

އެކަމަނާވަނީ ދެފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެންފައެވެ. އެއީ 2015ވަނަ އަހަރާއި 2019ވަނަ އަހަރުއެވެ.