ޚަބަރު

ރަސްފަންނުގައި ދުވާޓްރެކް ހަދަން އާސަންދައިން، 9.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ


ރަސްފަންނުގައި ދުވާ ޓްރެކެއް ހަދަން 9.5 މިލިޔަން ރުފިޔާ އާސަންދަ ކުންފުނިން ޚަރަދުކޮށްފައިވާކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އާސަންދަ ކުންފުނީގެ ބޯޑްމެމްބަރުން ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ކުންފުނީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދުވިދާޅުވީ، ސީއެސްއާރުގެ ދަށުން ޤާނޫނާއި ޚިލާފަށް ބައެއްކަންކަން ކޮށްފައިވާކަމަށް މިހާތަނަށް ބެލިބެލުމުން ހާމަވެފައިވާކަމަށެވެ. އަސަންދަ ކުންފުންޏަކީ ވިޔަފާރި އުސޫލުން އެއްވެސް ލާރިއެއް ކުންފުންޏަށް ލިބޭގޮތަށް ހިންގާ ކުންފުންޏަކަށް ނުވާއިރު ކުންފުނިން ކޮށްގެންނުވާނެ ޚަރަދުތަކެއްވެސް ކޮށްފައިވާކަން އޭނާ ފާހަގަކޮށްފައިވެއެވެ.

އެގޮތުން އޭރުގެ ސަރުކާރުން ރަސްފަންނުގައި އެޅި ދުވާޓްރެކް އެޅުމަށް ސީއެސްއާރުގެ ދަށުން އާސަންދަ ކުންފިނިން 9.5 މިލިޔަން ފުރިޔާ ޚަރަދުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ރަސްފަންނަކީވެސް އަދި ރަސްފަންނާއި ގުޅުންއޮތް އެއްވެސް ބިމަކީ އާސަންދަ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ތަަނެއް ނޫންކަމަށާއި، އެހެންކަމުން އިފައިސާ އެތަނަށް ޚަރަދުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އާސަންދަ ކުންފުނިން ހިންގާފައިވާ ސީއެސްއާރުގެ އެހެން މަޝްރޫޢުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު ހަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހީމް ހިންގެވި "ޚިތާނީ ކޭމްޕް"އަށް އާސަންދަ ކުންފުނިން އެއް ލަައްކަ ހަތްދިހަ ހާސް ރުފިޔާ ޙަރަދުކޮށްފައިވާކަމަށެވެ.

މީގެތެރޭގައި ހިމެނެނީ 2016ވަނަ އަހަރު ބޭއްވި ކޭޕަށް ޙަރަދުކޮށްފައިވާ އެއް ލައްކަ ރުފިޔާ އާއި 2017ވަނަ އަހަރު ބޭއްވި ކޭމްޕަށް ޙަރަދުކުރި ހަތްދިހަ ހާސްރުފިޔާކަމުގައި އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. ޚިތާނު ކުރުމަކީ އާސަންދައިގެ ތެރެއިން ހަމަޖައްސައިދޭ ކަމެއްކަމަށާއި، ނަމަވެސް އާސަންދަ ކުންފުނީގައި ހުރި ލިޔުންތަކަށް ބަލާއިރު މި ޙަރަދުތައް ކޮށްފައިވަނީ ޚިތާނީ ފެސްޓިވަލަށް ކަމުގައި ފެންނަން ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އާސަންދަ ކުންފުނިން ޤާނޫނާއި ޙިލާފަށް ހިންގާފައިވާ މިފަދަ ކަންކަކަމީ މި ނިޒާމުގެ ތެރެއިން ކުރެވޭނެ ކަންކަން ނޫންކަމަށާ މިކަންކަން، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

އިޖްތިމާޢީ ސިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު ރަގަޅު ފެންވަރެއްގެ އަސާސީ ޞިއްޙީ ޚިދުމަތް ރޯރުކޮށް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. އަދި މިކުންފުންޏަކީ ފައިސާލިބޭނެ އެއްވެސް ވަސީލަތެއް ނެތި އާންމު ރައްޔިތުންގެ ސިއްޙީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.