ޚަބަރު

ހުކުރު ދުވަހު ކުޅުދުއްފުށީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށަނީ!


އަންނަ ހުކުރު ދުވަހުން ފެށިގެން ހދ.ކުޅުދުއްފުށީ އެއަރޕޯޓަށް ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށަން ނިންމައި ޓިކެޓް ވިއްކަން ފަށައިފިއެވެ.

މިކަން ހާމަކުރައްވައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ކުޅުދުއްފުއްޓަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު މޯލްޑިވިއަނުން ޓިކެޓް ވިއްކަން ފަށާފައިވާކަމަށެވެ. ކުޅުދުއްފުށީ އެއަރފޕޯޓްގެ ރަންވޭ ނިންމައި މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަސްތެރޭގައި ޓެސްޓް ފްލައިޓް ޖެއްސިނަމަވެސް އާންމު ދަތުރުތައް ނުފެށި ގިނަ ދުވަސް ވެފައިވަނީ ޓާމިނަލްގެ މަސައްކަތް ނުނިމުމުގެ ސަބަބުންނެވެ.

އެއަރޕޯޓް ޓަރމިނަލާއި ފަޔަރ ސްޓޭޝަން ނިންމުމަށްފަހު ކުޅުދުއްފުށީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާއިރު، މިއީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

ބާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުއްޓަކީ ރާއްޖޭގެ އެންމެ އުތުރުގެ އިޤްތިޞާދީ މައި ހަބު ކަމަށްވާއިރު، ކުޅުދުއްފުށީ އެއަރޕޯޓުން ޚިދުމަތް ދޭން ފެށުމުން އެސަރަޙައްދުގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.