ކުޅިވަރު

ޤައުމީ ޓީމަށް ކުޅެން ބޭނުންވާކަމުގެ އިޝާރާތެއް އަޝްފާގު ދީފި


ތަފާތު ދެ ކުލަބަކަށް ކުޅުނު އަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހާސިލްކުރެވުމަކީ ލިބުނު ޚާއްސަ ކާމިޔާބީއެއް ކަމަށް ޢަލީ އަޝްފާގް ބުނެފިއެވެ.

"މިހާރު ސްޕޯޓްސް އެވޯޑްސް"ގައި އަޝްފާގް ވަނީ 2018ވަނަ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރަންބޫޓް ހާސިލްކޮށްފައެވެ.

އެވޯޑް ހޯދުމަށްފަހު އަޝްފާގް ބުނީ، ފުޓުބޯޅަ އެރިއަރުގައި ހޭދަކުރި އަށާރަ އަހަރުގެ ތެރިން 2018ވަނަ އަހަރަކީ އެންމެ ޚާއްސަ އެއް އަހަރު ކަމަށާއި، އެއްސީޒަނެއްގައި ތަފާތު ދެ ކުލަބަކަށްކުޅެ، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓް ހާސިލް ކުރެވުމަކީ ލިބުނު ޙާއްސަ ކާމިޔާބީއެއް ކަމަށެވެ. އަޝްފާގް ބުނީ، އުންމީދަކީ އަބަދުވެސް މިގޮތުގައި ދެމިހުރުން ކަމަށާއި، ގައުމަށް ޚިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އުފަލާއިއެކު އަދިވެސް ހިފާނެކަމަށެވެ.

އަޝްފާގް ވަނީ ހުރިހާ ސަޕޯޓަރުންނާއި، ޚާއްސަކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބުގެ މެނޭޖްމަންޓާއި ކުޅުންތެރިންނަށް ޝުކުރުއަދާކޮށްފައެވެ.

2018ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަންގައި އަޝްފާގް ކުޅުނު ދެ ކުލަބަކީ ނިއުރޭޑިއަންޓާއި، ޓީސީއެވެ. އޭނާވަނީ މިދިޔަ ސީޒަންގައި ނިއުއާއިއެކު މާލެ ލީގު ކާމިޔާބުކޮށް ޓީސީ ސްޕޯޓްސް ކުލަބާއިއެކު ދިވެހި ޕްރެމިއާ ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ގިނަ ލަނޑުޖަހައިގެން ރަންބޫޓް އަޝްފާގް ކާމިޔާބުކުރީ 42 ލަނޑު ޖަހައިގެންނެވެ.