ޚަބަރު

އަދީބުގެ ޖަލު ހުކުމް ބާތިލް ކުރި މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ


ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްވުމުގައި ބައިވެރިވުމުގެ ކުށުގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމުގެ މައްސަލައިގެ އިސްތިއުނާފު ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލް އެދިއްޖެއެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ 8 އަހަރުގެ ޖަލު ހުކުމް ދަމަހައްޓަން އެދި ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލް ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިއަދު ހެނދުނެވެ. މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވަނިކޮށް އެ އަމުރާ ޚިލާފަށް އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަތް މައްސަލައަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓާދިނުމުގެ އަމުރެއް ނެރެދިނުމަށް އެދޭ ކަމަށެވެ.

ރާއްޖެއިން ބޭރަށް އަދީބު ފިއްލައިގެން ވަޑައިގަތުމުން އޭނާ އަނބުރައި ރާއްޖެ ގެނެސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި ހޯމަ ދުވަހުގެ ރޭ ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އެހެން ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އެ އަމުރުގެ ދަށުން އޭނާ ބަންދުގައި މިހާރު ހުރި ނަމަވެސް އެ ބަންދާމެދު ހައިކޯޓަށް ކޮންމެ ވަގުތެއްގައިވެސް ގޮތެއް ނިންމިދާނެ ކަމަށެވެ. އެހެންކަމުން އަދި އޭނާ ބަންދުން ދޫކޮށްލުމުގެ ފުރުޞަތު ކޮންމެ ވަގުތެއްގައިވެސް އެބަ އޮތް ކަމަށެވެ.

އަދީބު ވިދާޅުވީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީވެސް އޭނާ ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަތުމުން އެ މައްސަލައިގައި ދެއްކި ވާހަކަތަކުގެ މައްޗަށް ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލުން ވަނީ އެކަމަށް އިންކާރުކުރައްވާފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އެހެން މައްސަލައެއްގައި ކަމަށެވެ.

އަދީބު ވަނީ މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްވުމުގައި ބައިވެރިވި މައްސަލައަކީ ތަޙްޤީޤު ނުނިމޭ މައްސަލައެއް ކަމަށާއި އެ މައްސަލަ ފުލުހުންނާއި ރިޔާސީ ކޮމިޝަނުން ބަލަމުންދާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ޕްރޮސިކިއުޓާ ޖެނަރަލްއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތައް އޭނާ ގެންދަވަނީ އެ މައްސަލަވެސް ހިމެނޭ ގޮތައް ތަޙްޤީޤުކުރާ ފަރާތްތަކަށް މައުލޫމާތު ހިއްސާ ކުރައްވަމުން ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްވި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އަދީބުގެ މައްޗަށް ދައުވާކުރި ތަޙްޤީޤު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި ރިޔާސީ ކޮމިޝަނުން މީގެ ކުރިން ދައުވާކޮށްފައިވާ ބައެއް މައްސަލަތައް ވެސް އަލުން ބަލަމުންދާ ކަމަށާއި ކުށަށް އިއުތިރާފުވުމުގެ މަރުހަލާއަށް ވާސިލްވުމަށް ދައުލަތާއެކު އަދީބުވި އެއްބަސްވުމުގައި ސުޕްރީމް ކޯޓަށް ހުށައަޅާފައި އެވާ މައްސަލަ ނުހިމެނޭނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަށް އަދީބު ވަޑައިގެންނެވީ ވަކީލަކާ ނުލައެވެ. އަދި އަދީބުގެ ބަންދާމެދު ގޮތެއް ނިންމުގެ ކުރިން އޭނާއަށް ވަކީލެއްގެ ފުރުޞަތު ދިނުމަށް އެދިވަޑައިގެންފައެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ނިންމާލެއްވީ އަދީބުގެ ބަންދާމެދު ފަނޑިޔާރުން މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށެވެ.

މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގައި ކްރިމިނަލް ކޯޓުން އަދީބަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ދޫކޮށްލުމަށް އެންގި ފަރާތްތަކުގެ ތެރޭގައި އަދީބުވެސް ހިމެނޭ ކަމަށް ބުނެއެވެ. އަދި އެ ސަބަބަށްޓަކައި ޖަލު ހުކުމް ބާޠިލް ކުރި ނަމަވެސް އަދީބަށް ހުކުމް ކުރުމުގައި ހިންގާފައިވާ އިޖުރާއަތްތައް ސައްހަ ކަމަށާއި އަލުން އެ މައްސަލަ ދަށު ކޯޓުން ބަލަން ޖެހޭ ކަމަށް ހައިކޯޓުން ނިންމި އެވެ.

މާބިންހުރާގެ ޚިޔާޔާތުގެ މައްސަލަ ދައުލަތުން ސްޕްރީމް ކޯޓަށް ހުށައެޅިއިރުވެސް އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އެދިފައިވެއެވެ. ނަމަވެސް އެވަގުތު ސުޕްރީމް ކޯޓުން ނެރެފައިވަނީ އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު އެކަންޏެވެ.

ހައިކޯޓުގެ އެ ހުކުމް ބާޠިލް ކުރުމަށް ހުށައެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލް ޢަނީ މުހައްމަދު އެވެ.