ޚަބަރު

ޓެކްސީތަކުން ޤަވާޢިދަށް ޢަމަލުކުރޭތޯ ބަލަން، ފުލުހުން ނުކުމެއްޖެ!


ޓެކްސީ ދަތުރުތައް ކުރާ އުނޅަދުތަކަކީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ޓެކްސީ ގަވާޢިދަށް ފެތޭ އުޅަނދުތައްތޯ ބެލުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ޓެކްސީ ޤަވާޢިދަށް އެންމެފަހުން ގެނެސްފައިވާ އިސްލާޙްތަކަށް އުޅަނދުތައް ފެތޭތޯ ބެލުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާޢިދުގެ ދަށުން ރަޖިސްޓްރީކޮށްފައިވޭތޯ ބެލުމާއި ރޯޑް ވާދިނަސްގެ މިންގަނޑަށް ފެތޭތޯ ބެލުމާއި އުޅަނދު އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ނުފުރޭ އެއްގަމު އުނޅަނދެއްތޯ ބެލުން ހިމެނެއެވެ.

މީގެ އިތުރުން މިނިސްޓްރީއިން ޢާއްމުކުރި އަގުތަކަށް ޑްރައިވަރުން ޢަމަލުކުރަމުނުް ގެންދޭތޯ ބެލުންވެސް މި އޮޕަރޭޝަންގެތެރެއިން ކުރިއަށްދާނެއެވެ. މިނިސްޓްރީން ކަނޑައެޅި އަގުތަކަށް އެއްވެސް ބަދަލެއް ނުގެނެސް ޢާއްމުކޮށްފައިވާ އަގުތަކަށް ބުދަދުވަހުން ފެށިގެން ޓެކްސީ ޑްރައިވަރުން ޢަމަލުކުރަމުން ގެންދަންޖެހޭނެކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު އަލީ ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ގެނައި ބަދަލަށް މާދަމާއިންފެށިގެ ޢަމަލުކުރަން ފަށާނެކަމަށެވެ. ޝިމާޒް ވިދާޅުވީ މިނިސްޓްރީން ޢާއްމުންކޮށްފައިވާ އަގުތަކަށް އެއްވެސް ބަދަލެއް ގެންނަން މިނިސްޓްރީން ގަސްތު ނުކުރާކަމަށެވެ.

އޭނާ ވިދާޅުވީ ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑުކޮށްއަގު ނަގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން އިތުރަށް އަގުނަގަމުން އަންނަ ފަރާތްތަކުގެ ޝަކުވާ ހުށައެޅުމަށް ހޮޓްލައިނެއް ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ދަތުރުކުރަމުން އަންނަ އަގަށްވުރެ އަގުހެޔޮކޮށް މިނިސްޓްރީން އާ އަގުތައް އިޢުލާންކުރުމާގުޅިގެން ބައެއް ޓެކްސީ ސެންޓަރުތަކުންނާއި، ޑްރައިވަރުން އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެމީހުން ބުނަމުން އަންނަނީ މިއަގުތަކުން އެމީހުންނަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭނެކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ވިދާޅުވީ އަގުތަކާގުޅިގެން އިއްޔެވެސް މާލެ ސަރަޙައްދުގެ ޓެކްސީ ސެންޓަރުތަކާއި ބައްދަލުކޮށްފައިވާކަމަށެވެ. އެގޮތުން މާލޭގައި ހިންގަމުން އަންނަ 12 ޓެކްސީ ސެންޓަރުގެ ތެރެއިން 8 ސެންޓަރުން މިބައްދަލުވުމުގައި ބައިވެރިވިކަމަށް އޭނާ ވިދާޅުވިއެވެ. ޝިމާޒު ވިދާޅުވީ ބައެއް ފަރާތްތަކުން އަގުތައް ބޭނުންވާ ވަރަށްވުރެ ކުޑަކަން ފާހަކަކުރިނަމަވެސް ޖުމްލަކޮށް ސެންޓަރުތަކުން އަގުތަކާމެދު ހިތްހަމަޖެހޭކަމަށެވެ.

ނަމަވެސް އަމިއްލަ އުޅަނދުތަކަށް ޓެކްސީ ކުރުމުގެ ހުއްދަދޭން ނިންމި ނިންމުމާމެދު އެފަރާތްތަކުގެ ޝަކުވާ ހުރިކަމަށް އޭނާ ވިދާޅުވިއެވެ. ޝިމާޒު ވިދާޅުވީ ޕްރަވެޓް ހަޔަރގެ ގޮތުގައި މަސައްކަތް ކުރެވޭނީވެސް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ކަމަށެވެ.

ޢާއްމު ރައްޔިތުންނާއި ޑްރައިވަރުންގެ ޚިޔާލަށް ބަލައި ޓެކްސީގެ އަގުތަށް ކުޑަކޮށް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ދަތުރުކުރެވޭނެ އަގުގެ ގޮތުގައި 75 ރުފިޔާ ކަނޑައަޅާފައިވެއެވެ. މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާއި ދެމެދު ދަތުރުކުރެވޭނެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 60 ރުފިޔާއެވެ. މީގެކުރިން ބްރިޖް ހުރަސްކޮށް ކުރަ ހުރިހާ ދަތުރެއްވެސް ކުރަމުން އަންނަނީ 100 ރުފިޔާއަށެވެ.

މިނިސްޓްރީންވަނީ ޓެކްސީ އެޕްލިކޭޝަންގެ ޚިދުމަތް ދިނުމަށްވެސް 3 ކުންފުންޏަކަށް ހުއްދަދީފައެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެފައިވަނީ އޮގަސްޓުމަހުން ފެށިގެން ކޮންމެ ޓެކްސީއެއްގައިވެސް ޓެކްސީ އެޕްލިކޭޝަން ބޭނުންކުރުން މަޖުބޫރުވާނެ ކަމަށެވެ.

ޓެކްސީގެ އަގުތަކަށް ބަދަލު ގެނައުމާއި އެޕް ބޭނުންކުރަން ނިންމާފައިވަނީ ބްރިޖް ބޭނުންކުރަން ފެށިހިސާބުން ފެށިގެން ބޮޑެތި އަގުތަކުގައި ޑްރައިވަރުން އަގުނަގަން ފެށުމާ ގުޅިގެންނެވެ.