ވިޔަފާރި

އޭދަފުށީގައި އެމް.އައި.ބީގެ ޙިއްސާ ވިއްކަން ފަށައިފި


މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީގެ ޙިއްސާ އޭދަފުށީގައި ވިއްކަން ފަށައިފިއެވެ.

އޭދަފުށީގައި އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައިވާއިރު އޭދަފުއްޓާއި ބ.އަތޮޅުގެ އެހެން ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ޙިއްސާ ގަތުމަށާ، މައުލޫމާތު އޮޅުންފިލުވަމުންދާކަމަށް އެބޭންކުން ބުނެއެވެ.

އޭދަފުށީގައި ޙިއްސާ ވިއްކުން ކުރިއަށްދާނީ އެރަށުގައި ހުންނަ މަލްޓިޕާޕަސް ޢިމާރާތުގައެވެ. ޙިއްސާ ވިއްކާނީ އަންނަ ބްރާސްފަތި ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށްކަމަށް އެމްއައިބީން މަޢުލޫމާތުދެއެވެ.

އެމްއައިބީގެ ޙިއްޞާ ވިއްކަން ފަށާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށިގެންނެވެ. އަދި އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެމްއައިބީން ހިއްސާ ވިއްކަމުންދާނެއެވެ.

އެމްއައިބީން ވަނީ ހިއްސާއެއް 35 ރުފިޔާގެ މަގުން 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކުމަށް ނިންމާފައެވެ. ކޮންމެ މީހަކަށް ވެސް މަދުވެގެން ގަނެވޭނީ 20 ހިއްސާ އެވެ. އެއީ 700 ރުފިޔާގެ ހިއްސާ އެވެ. ޙިއްޞާގެ ޢަދަދު އިތުރުކުރާ ނަމަ އިތުރު ކުރެވޭނީ 10 ޙިއްސާގެ ރޭޓުންނެވެ.

އެމްއައިބީން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޙިއްޞާ ގަނެވޭނެ ލުއި ގޮތްތަކެއް ހޯދައިދީފައެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ތާކު ހުރެގެން ވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އެ ބޭންކުގެ ޙިއްޞާ ގަނެވޭނެ އެވެ.

މީގެ 8 އަހަރު ކުރިން ރާއްޖޭގައި ޚިދުމަތް ދޭން ފެށި އެ ބޭންކުން އަންނަނީ އެއް އަހަރުން އަނެއް އަހަރަށް ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ވަނީ 52 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 12 މިލިއަން އިތުރު އަދަދެކެވެ.

އެމްއައިބީން ވަނީ އެ ބޭންކުގެ ހިއްސާ ވިއްކުމަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. އެގޮތުން ހަފްތާ ބަންދު ދުވަސްތަކުގައި އަތޮޅުތަކުގެ ބްރާންޗުތަކުން ރޯޑް ޝޯތައް ކުރިއަށްގެންދިއުމަށް ވަނީ ހަމެޖެހިފައެވެ.