ޚަބަރު

ފިނޭންސް މިނިސްޓަރ އަމީރު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި


ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އާއި ސުވާލުކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

މިނިސްޓަރ އަމީރާއި ކުރުމަށް ޖާބިރު ހުށަހަޅުއްވާފައިވާނީ ދެސުވާލެކެވެ. އެއީ ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު ފާއިތުވެދިޔަ މުއްދަތުގައި ނިމިފައިވަނީ ކިތައް ޕްރޮޖެކްޓްތޯއާއި، އަދި އެޕްރޮޖެކްޓްތަކުގެ ތެރެއިން ފައިސާދައްކައި ނިމިފައިވަނީ ކިތައް ޕްރޮޖެކްޓަށްތޯ ސާފުކުރެއްވުމަށެވެ.

މިނިސްޓަރ އަމީރު މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފައިވާއިރު ސަރުކާރުން ދަނީ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިހާތަނަށް އެބަޖެޓުން 13.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަމީރު މަޖިލީހަށް ހާޒިރުކުރުމަށް ޖާބިރު ހުށަހަޅުއްވާފައިވާއިރު، އިއްޔެ މަޖިލީހުގެ ޖަލްސާއަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންވެސް ވަނީ ހާޒިރުކޮށްފައެވެ. އަދި ބުދަދުވަހު ޓްރާސްޕޯޓް މިނިސްޓަރ ފާތިމަތުނަހުލާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ނަހުލާއާއި ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައިވަނީވެސް ކާށިދޫދައިރާގެ މެމްބަރު ޢަބްދުﷲ ޖާބިރެވެ.