ޚަބަރު

ސްޓޫޑެންޓް ލޯން ސްކީމު ދޫކުރުމާ ގުޅޭ ނިޒާމުގައި ވިޔަފާރިތަކުގެ ބައިވެރިވުން ހިމަނަނީ


މަތީ ތަޢުލީމަށް ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ނިޒާމުގައި ވިޔަފާރިތަކުގެ ބައިވެރިވުން ހިމަނާ މި ނިޒާމު ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، ކްލިކް ކޮލެޖުން މެލޭޝިއާގެ ސެގީ ޔުނިވަރސިޓީގެ ޑިގްރީ އާއި މާސްޓާރސް ޑިގްރީ ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކްލިކް ކޮލެޖުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މެލޭޝިއާގެ ސެގީ ޔުނިވަރސިޓީގެ ޑިގްރީ އާއި މާސްޓާރސް ޑިގްރީ ޕްރޮގްރާމްތައް އިފްތިތާޙްކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަނެވެ. މި ޕްރޮގްރާމްގެ ދަށުން ބެޗެލަރސް އޮފް ބިޒްނަސް މެނޭޖްމަންޓުގެ 3 ކޯހަކާއި މާސްޓަރސް އޮފް ބިޒްނަސް މެނޭޖްމެންޓުގެ ކޯހެއް ވަނީ އިފްތިތާޙްކޮށްފައެވެ.

މި ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބަނޑޮސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވަނީ މި ސަރުކާރުން މަތީ ތަޢުލީމުގެ ދާއިރާއިން ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރުމުންދާކަމަށެވެ. އެގޮތުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް، ހިލޭ ޑިގްރީ ފެންވަރަށް ކިޔެވޭނެ އިންތިޒާމު މި ސަރުން ހަމަޖައްސަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ހަރުދަނާ އަދި ކޮލިޓީ ރަނގަޅު ތަޢުލީމީ ނިޒާމެއް ފޯރުކޮށްދިނުންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި މަސައްކަތުގައި ލޯނު ހޯދުމުގައި ދަތިތައް ހުރިކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މިކަން ހައްލުކުރުމަށްޓަކައި، މަތީ ތަޢުލީމަށް ކިޔެވުމަށް ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ނިޒާމުގައި ވިޔަފާރިތަކުގެ ބައިވެރިވުން ހިމަނާ މި ނިޒާމު ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި ނިޒާމުގައި ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

"މި ސަރުކާރުން މަތީ ތަޢުލީމަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ. އެގޮތުން ލޯނު ހޯދުމަށް ފަހި މަގުތަކެއް މި ސަރުކާރުން ފަހިކޮށްދީފައިވޭ. އެގޮތުން ކޮލިޓީ ތަޢުލީމެއް ޔަޤީންކުރުމަށް މިއަދު އަޅުގަނޑުމެން މިގެންގުޅޭ ފަންޑިންގް މޮޑެލްސް ނޫން މޮޑެލްސްތަކެއް ބޭނުންވޭ. އެގޮތުން މަތީ ތަޢުލީމަށް ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ނިޒާމުގައި ވިޔަފާރިތަކުގެ ބައިވެރިވުން ހިމަނާ މި ނިޒާމު ފުޅަކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މިނިސްޓަގެ ވާހަކަފުޅުގައި ސަރުކާރުން މަތީ ތަޢުލީމަށް ފޯރުކޮށްދޭ ފުރުސަތުތަކަކީ ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ އެކްރެޑިޓް ކޮށްފައިވާ ކޯސްތަކެއްކަން ޔަޤީންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭ ހަރުދަނާކުރުމަށް ސަރުކާރުން އަމާޒުހިފާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަތީ ތަޢުލީމަށް ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ނިޒާމުގައި ވިޔަފާރިތަކުގެ ބައިވެރިވުން ހިމަނާ މި ނިޒާމު ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ފަށަން ނިންމާފައިވާއިރު، ސަރުކާރުގެ ބަޖެޓްގައިވެސް މަތީ ތަޢުލީމުގެ ދާއިރާއަށް ބޮޑެތި ޚަރަދުތަކެއް ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން އަހަރަކު 60 އެމް.ބީ.ބީ.އެސް ޑޮކްޓަރުންނާއި 25 ސްޕެޝަލިސްޓު ޑޮކްޓަރުން ބިނާކުރުމަށްޓަކައި 24.7 މިލިޔަން ރުފިޔާ ވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ. އަދި ޖީސީއީ އޭލެވެލް އިމްތިހާނުން 1 ވަނަ ހާސިލްކުރާ ހުރިހާ ފަރާތަކަށް އެ ފަރާތެއް ބޭނުންވާ ޤައުމަކުން އަދި ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމް ފޯރުކޮށްދިނުމަށްޓަކައި ދަޢުލަތުގެ ބަޖެޓުން 40 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

އަދި ސަރުކާރުން ހިލޭ ޑިގްރީ ފެންވަރަށް ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމައްޓަކައި 156 މިލިއަން ރުފިޔާ ވަނީ މިއަހަރުގެ ބަޖެޓްގައި ހިމަނާފައެވެ. އެންމެފަހުގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިހާތަނަށް އައިއިރު ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 3 ހާހަށްވުރެ ގިނަ ދަރިވަރުންދަނީ ތަޢުލީމު ޙާސިލުކުރަމުންނެވެ.