ޚަބަރު

ތިން ރަށެއްގެ ސްކޫލަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް ބަޔަކާއި ހަވާލުކޮށްފި


ހދ.ނެއްލައިދޫ ސްކޫލުގައި 2 ކްލާސްރޫމް އެޅުމަށާއި، އއ.ތޮއްޑޫ ސްކޫލާއި ރ.ހުޅުދުއްފާރު ސްކޫލްގައި 2 ފަންގިފިލާގެ މަލްޓި ޕަރޕަސް ހޯލް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މީގެެރެއިން ހދ.ނެއްްލައިދޫ ސްކޫލުގައި 2 ކްލާސްރޫމް އެޅުމަށް ހަވާލުކޮށްފައިވަނީ އިންޓަލޮކް ކޮންސްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ދެމިލިއަން ބާވީސް ހާސް ރުފިޔާއަށެވެ. ސަރުކާރުގެ ޕީއެސްއައިިޕީ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި 2 ކްލާސްރޫމްގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒްއެވެ. އިންޓަލޮކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ނަވާޒް ޝަރީފްއެވެ. ހދ. ނެއްލައިދޫ ސްކޫލަކީ 271 ދަރިވަރުން ތަޢުލީމް ޙާސިލްކުރަމުން އަންނަ ސްކޫލެކެވެ.

މީގެއިތުރުން ދެން ހަވާލުކޮށްފައިވަނީ އއ.ތޮއްޑޫ ސްކޫލާއި ރ.އުނގޫފާރު ސްކޫލުގައި މަލްްޓި ޕަރޕަސް ހޯލެއް އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް އެެއްއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަލްޓި ޕަރަޕަސް ހޯލްތަކަކީ 500 ދަރިވަރުންގެ ޖާހައިހެ ހޯލުތަކެކެވެ.

މި މަލްޓި ޕަރޕަސް ހޯލުގައި ކޮންޓްރޯލް ރޫމަކާއި، 2 ޗޭންޖިންގ ރޫމާއި، 4 ފާޚަނައާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ފާޚާނައަކާއި، ސްޓޯރޫމާއި އަދި އިމާރާތައް ވަނުމާއި ސްޓޭޖަށް އެރުމަށް ރޭމްޕްވެސް ހިމެނެއެވެ.

އއ.ތޮއްޑޫގައި އަޅާ މަލްޓި ޕަރޕަސް ހޯލްގެ އަގަކީ ހަތ މިލިއަން ފަސްސަތޭކަ ފަންސާސް ނުވަ ހާސް ރުފިޔާއެވެ. އަދި ރ.ހުޅުދުއްފާރުގައި އަޅާ މަލްޓި ޕަރޕަސް ހޯލްގެ އަގަކީ ހަތް މިލިއަން ތިންސަތޭކަ ސާޅީސް ދެހާސް ރުފިޔާއެވެ.

މި ދެ މަޝްރޫޢުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި އެއްބަސްވުމުގައި ވީއަަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ އޮފީހުގެ މެނޭޖަރ ފާއިމަތު ލައިސާ ލަތީފެވެ.

މި ދެ މަޝްރޫޢުވެސް ކުރިއަށްގެންދަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ.