ވިޔަފާރި

މާފަރުގައި އަޅާ އެއަރޕޯޓުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ


ނ. މާފަރުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ނ.ޑޮމެސްޓިކް އެއަރޕޯޓް އިމާރަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ އެއަރޕޯޓްގެ ކޮންޓްރެކްޓަރ  މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓުން ހާމަކޮށްފިއެވެ.އެކުންފުނިން މައުލޫމާތުދޭގޮތުގައި ނ. ޑޮމެސްޓިކް އެއަރޕޓްގެ މަސައްކަތް ފެށުމަށްޓަކައި އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފު ކުރުމާއި ބިންގަނޑު ތައްޔާރުކުރުމުގެ މަސައްކަތުގެ އިތުރުން އެތަނަށް ބޭނުންވާ ތަކެތި ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.އަށާރަސްތޭކަ މީޓަރުގެ ދިގު ރަންވޭ އެއް މި އެއަރޕޯޓްގައި އެޅުމަށް ހަމަޖެހިފައިވާ އިރު، މި އެއަރޕޯޓް އެޅުމަށްޓަކައި ބިން ހިއްކަން ނުޖެހޭކަން މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓުން ފާހަގަކުރެއެވެ.އަންނަ އަހަރުގެ މެދު ތެރޭގައި މި އެއަރޕޯޓްއިން ހިދުމަތް ދެވޭވަރުވާނެ ކަމަށާއި މި އެއަރޕޯޓް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓް ޖެޓް ޕާކިން ސަރަހައްދެއް ހިމެނޭގޮތަށް ކަމަށްވެސް މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓުން ބުނެއެވެ.ނ އަތޮޅުގައި އެންމެ ފުރަތަމަ އެއަރޕޯޓެއް ތަރައްގީ ކުރުމަށް އިޢުލާން ކޮށްފައިވަނީ ދެހާސް ހަތްވަނަ އަހަރުއެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކުރި ނޫނު ހޮޓެލްސްއިން މަސައްކަތް ކުރިއަށް ނުގެންދާތީ، އެގްރިމެންޓް ބާތިލްކޮށް، މިލޭނިއަމް ކެޕިޓަލަށް މާފަރު އެއަރޕޯޓް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ  ދެހާސް ތޭރަވަނަ އަހަރުގެ ފަހުކޮޅުގައެވެ.