ސިއްހަތު

ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް އެރަށުން ބިން ދޫކޮށްފި


ގދ. ތިނަދޫގައި އެޅުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލު އެޅުމަށްޓަކައި އެރަށު އުތުރުފަރާތު ހިއްކާފައިވާ ސަރަޙައްދުން ބިން ދޫކޮށްފިއެވެ.

ޓާޝަރީ ހޮސްޕިޓަލް އަޅަން ތިނަދޫ ކައުންސިލުން ސަރުކާރަށް ދޫކޮށްފައިވަނީ ތިން ލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެކެވެ. މި މަޝްރޫޢަށް މިއަހަރުގެ ބަޖެޓުގައި 29 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.

މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ގދ.ތިނަދޫއަކީ އެއަތޮޅުގެ ވެރިކަންކުރާ ރަށަށްވެފައި ގިނަ ބަޔަކު އެކި ބޭނުންތަކުގައި ދާ ރަށެކެވެ. އަދި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ހޮސްޕިޓަލް، ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހުންނަނީވެސް ގދ. ތިނަދޫގައެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް އެކަށީގެންވާ ރަނގަޅު ސިއްޙީ ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ 4 ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތަކެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް މިއަހަރުގެ ބަޖެޓުގައިވެސް ސަރުކާރުން ވަނީ ހިމަނާފައެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން ވައުދެކެވެ.