ކުޅިވަރު

މިލާން ކްރިކެޓް އެކަޑަމީއަށް 10 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ


މިލާން ކްރިކެޓް އެކަޑަމީއަށް 10 އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

ކްރިކެޓް ކުޅުންތެރިން އުފެއްދުމަށް އުފެއްދި މިލާން ކްރިކެޓް އެކަޑަމީއިންވަނީ ކްރިކެޓް ކުޅުންތެރިން އުފެއްދުމުގެ އިތުރުން ރާއްޖޭގައި އެހެން ކުޅިވަރުތަކަށްވެސް އެހީވެފައެވެ. މިލާން އެކަޑަމީއަށް 10 އަހަރު ފުރުމުގެ ގޮތުންވަނީ ވަރަށް ހާއްސަ ކްރިކެޓް މެޗްއެއް ކުޅުމަށް ނިންމާފައެވެ. މިހާއްސަ މެޗްގައި އެއްކޮޅުން ވާދަކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ ގައުމީ ޓީމްއަށް ކުޅެފައިވާ ކްރިކެޓް ކުޅުންތެރިންނެވެ. މިޓީމް ނިކުންނާނީ މިލާން އެކަޑަމީގެ ކުޅުންތެރިންނާއި ދެކޮޅަށެވެ.

ގައުމީ ޓީމްއަށް ކުރިން ކުޅެފައިވާ ކުޅުންތެރިންގެ ތެރޭގައި މުސާ ކަލީމް، އަހުމަދު ކަލީމް، އިބްރާހިމް ހުސެއިން، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ މިހާރުގެ ރައީސް މުހައްމަދު އަފުލާޙު، އަބްދުﷲ ޝަފީޢު، އިސްމާޢީލް ނިހާދުފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

މިލާން ކްރިކެޓް އެކަޑަމީއިންވަނީ ކްރިކެޓްގެ ކުޅުންތެރިންގެ އިތުރުން އިންޓަރ ސްކޫލް ބާސްކެޓް މުބާރާތުގައި ބައިވެރިވި ބައެއް ސްކޫލްތަކުގެ ޖޯޒީ އަދި ގައުމީ ޓޭބަލް ޓެނިސް ޓީމްގެ ޖޯޒީވެސް ސްޕޮންސަރކޮށްފައިވެއެވެ. އަދި ފާއިތުވެގެންދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެކަޑަމީއިން އެއްވެސް ކުޅުންތެރިއަކު އަތުން ފީއެއްވެސް ނަގާފައެއް ނުވެއެވެ.

މިލާން ކްރިކެޓް އެކަޑަމީއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅެވޭ ހާއްސަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24ވަނަ ދުވަހު މެންދުރުފަހުއެވެ.