ކުޅިވަރު

ލަބެރަ ބޮޑީބޯޑިން ޗެލެންޖުގެ މެއިން ސްޕޮންސަރަކަށް އެޓޯލް އެޑްވެންޗާސް


ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ލަބެރާ ބޮޑީބޯޑިން ޗެލެންޖުގެ މެއިން ސްޕޮންސަރ އަކަށް އެޓޯލް އެޑްވެންޗާސް ހަމަޖައްސައިފިއެވެ.

ލަބެރާ ބޮޑީބޯޑިން ޗެލެންޖުގެ މެއިން ސްޕޮންސަރއަކަށް އެޓޯލް އެޑްވެންޗާސް ހަމަޖެއްސުމަށް އިއްޔެ އެޓޯލް އެޑްވެންޗާސްއާއިއެކު އެމްބީބީއޭއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އެމްބީބީއޭގެ ފަރާތުން ސޮއިކުރީ އެސޯސިއޭޝަންގެ ރައީސް ޢަބްދުﷲ އަރީފް (ފުކޫ)އެވެ. އެޓޯލް އެޑްވެންޗާސްގެ ފަރާތުން ސޮއި ކުރެއްވީ އެޓޯލް އެޑްވެންޗާސްގެ އޮޕަރޭޝަންސް މެނޭޖަރ ދަރާ އަޙުމަދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަމުން އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް ވިދާޅުވީ، އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުގެ މުބާރާތްވެސް ވަރަށް ފޯރިގަދަ އަދި ވާދަވެރި މުބާރާތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއަހަރުވެސް ދެ ކެޓަގަރީއަކުން ބޮޑީބޯޑަރުން ވާދަކުރާނެ ކަމަށާއި، އެޓޮލް އެޑްވެންޗާސް މެއިން ސްޕޮންސަރަކަށްވުމަކީ އެމްބީބީއޭއަށް މިމުބާރާތް ފުރިހަމައަށް ގެންދަން ލިބުނު ހިތްވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން އަހަރު ތަކެކޭވެސް އެގޮތަށް މިފަހަރުގެ މުބާރާތްވެސް ވަރަށް ފޯރިގަދަވާނެ. ރާއްޖޭގެ ހުރިހާ ބޮޑީބޯދަރުންނަށްވެސް ފުރުސަތު އެބައޮތް މުބާރާތުގަ ވާދަކުރަން، ދެ ކެޓަގަރީއެއް މި އިންނަނީ، އެއީ ޕްރޯން އާއި ޑްރޮޕް ނީ،" އަރީފް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެޓޯލް އެޑްވެންޗާސްގެ އޮޕެރޭޝަންސް މެނޭޖާ ދަރާ އަޙުމަދު ވިދާޅުވީ، ރާއްޖޭގެ ސާފިން ކޮމިއުނިޓީ ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ އަބަދުވެސް ލިބޭ އުފަލެއް ކަމަށާއި، އެހެންކަމުން އެމްބީބީއޭއިން ކުރިއަށްގެންދާ މުބާރާތަކަށް ވުމާއިއެކު، ބޮޑު އެއްބާރުލުމެއް ދޭން ބޭނުންވީކަމަށެވެ.

" ރާއްޖޭގެ ސަރފިން ކޮމިއުނިޓިއަށް އެހީތެރިވުން އެއީ އަބަދުވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ދެން ޚާއްސަކޮށް ބޮޑީބޯޑިން އެސޯސިއޭޝަނުން ހިންގާ މުބާރާތަކަށް ވުމުން އަޅުގަނޑުމެން ބޭނުންވީ ބޮޑު އެއްބާރުލުމެއް މިކަމަށް ދޭން" ޑަރާ ވިދާޅުވިއެވެ.

އެޓޯލް އެޑްވެންޗާސް އަކީ އަބަދުވެސް ބޮޑީބޯޑިންއަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދަރާ އަޙުމަދަކީ ރާއްޖޭގައި ހުރި ހަމައެކަނި އިންޓަނޭޝަނަލް ސަރފިން އެސޯސިއޭޝަންގެ ރެޕްރެޒެންޓޭޓިވްކަން ފާހަގަކޮށްލެވެއެވެ.

ލަބެރާ ބޮޑީބޯޑިން ޗެލެންޖު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18އިން 24އަށެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ޕްރޯން ކެޓަގަރީ އާއި ޑްރޮޕް ނީ ކެޓަގަރީއެވެ. މުބާރާތުގައި ވާދަކުރެވޭނީ އެމްބީބީއޭގެ މެމްބަރޝިޕް ހޯދާފައިވާ ބޮޑީބޯޑަރުންނަށް ކަމަށް އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.