ޚަބަރު

ދައުލަތުގެ ބައެއް މުވައްސަސާތަކުންވަނީ އިންސާނީ ބައެއް ޙައްގުތަކަށް އަރައިގެންފައި - އެޗްއާރްސީއެމް


ދައުލަތުގެ މުއައްސަސާތަކުގެ ބެލުމުގެ ދަށުގައިތިބި މީހުންގެ އިންސާނީ ޙައްގުތައް ޙިމާޔަތްކުރުމުގައި ގިނަ މައްސަލަތަކެއް ފާހަގަވެފައިވާއިރު މައްސަލަ ޙައްލުކުރުމަށް ގިނަ ގޮންޖެހުންތަކެއްވެސް ހުރިކަމަށް އެޗްއާރްސީއެމުން ހާމަކޮށްފިއެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް ޑިޕާޓްމަންޓުގެ ފަރާތުން މުނާ ޢަބްދުﷲވަނީ މިއަހަރުގެ އެންޓި ޓޯޗަރ ރިޕޯޓުގައި ހުރި ގިނަ ކަންބޮޑުވުންތަކެއް ޙިއްސާކުރައްވާފައެވެ. އެގޮތުން އެކި ސަބަބުތަކަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭމިހުން ބަލަހައްޓައި މުއައްސަސާތަކުގައި މީހުން ބެހެއްޓުމަށް ހުންނަ ޖާގައަށްވުރެ ގިނަމީހުން އެފަދަ ތަންތަނުގައި ބައިތިއްބާކަން އޭނާވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޖަލުތަކާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ކުދިން ބަހައްޓާ މަރުކަޒުތަކުގައި މިކަން ފާހަގަކުރެވިފައިވެއެވެ. ޖަލުތަކުގައި ހުރި ގިނަ މައްސަލަތަކެއް މިރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެންމެ އަސާސީ އިންސާނީ ޙައްގެއްކަމަށްވާ ސާފު ބޯފެން ލިބުމުގައި އިހުމާލުވެފައިވާކަމާއި ހިނގާ ކަސްރަތު ކުރެވޭނެ އުސޫލެއް އިންތިޒާމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޖަލުތަކުގައި ތިބޭ މީހުން ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުމުގައި ގިނަ ދުވަސްތަކެއް ނަގާކަމަށާއި ޑޮކްޓަރުން ހެއްދުމަށް ދޭ ޓެސްޓުތައް ނުހަދާކަމާއި ޑޮކްޓަރަށް ދިޔުމަށް ޖަލުތަކުގައި ތިބޭ މީހުންކުރާ ރިކުއެސްޓް ތަކުގެ ރިކޯޑް ނުހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޖަލުތަކުގައި ތިބޭ ބަލި މީހުންގެ ތެރެއިން ވަކި ޑައިޓެއް ކުރިއަށްގެންދިޔުމަށް ޑޮކްޓަރުން ރިފަރކުރާ މީހުންނަށް ބޭނުންވާ ޚާއްސަ ކާނާ ލިބެން ނުހުރެއެވެ.

އަދި މީހުން ބަންދުކޮށްފައި ތިބޭ ތަންތަނުގައި މޮނީޓަރިންގެ ރަނގަޅު ނިޒާމެއް ނޯންނަކަމާއި ބަންދުގައި ތިބޭ ބިދޭސީން އެމީހުންގެ ޤައުމަށް ފޯނުކުރުމުގެ ފުރުސަތު ނޯންކަންވެސް މުނާ ޢަބްދުﷲވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް ޝަރީޢަތުގެ މަރުޙަލާގައި ގިނަ ދުވަސްތަކަށް މީހުން ބަންދުކޮށްފައި ތިބޭކަމާމެދު މުނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ސަޕްލައި ފެން ބޭނުންކުރަނީ. އެކަމަކު ފެން ނަގަންޖެހެނީ ފާޚާނާގައި ހުންނަ އިސްކުރަކުން. އެހެންކަމުން ވަޞީލަތް ހުރިގޮތުން ލިބެނީ އެންމެ ރައްކާތެރި ސާފު ފެނެއް ނޫން. ބައެއް ފަހަރު ޗެކްކުރާއިރު ޑަބްލިއުއެޗްއޯ ސްޓޭންޑަޑަށް ފެނުގެ ކޮލިޓީ ނެތްކަން ވަނީ ފާހަގަކުރެވިފަ." މުނާ ވިދާޅުވިއެވެ.

ޖަލުތަކުގެ މައްސަލަތަކުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައިވެސް މައްސަލަތަކެއް ހުރިކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ. އެގޮތުން ބޭސްކުރުން ފިޔަވައި ސިއްޙަތު ރަނގަޅުކޮށް ހުރުމަށް ބޭނުންވާ އެއްވެސް އިތުރު ތެރަޕިއުޓިކް ޕްރޮގްރާމެއް ކުރިއަށް ނުގެންދާކަމަށާ، ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒާއި ކުޑަކުދިން ބަހައްޓާ މަރުކަޒުތަކުގައިވެސް ބޭނުން ނުކުރެވޭ ނުވަތަ މީހުން ބައިތިއްބަން ހެޔޮ ނުވާ މިންވަރަށް ހަލާކުވެފައި ހުރި ތަންތަން ހުރިކަން އެޗްއާރްސީއެމުން ފާހަގަކުރެއެވެ. ރާއްޖެ މިއަދުގައި ވާހަކަދައްކަވަމުން އެޗްއާރްސީއެމް ގެ ޑިރެކްޓަރ ރިސަރޗް އެންޑް މޮނީޓަރިންގ ޝިފާ ޢަބްދުރައްޒާޤު ވިދާޅުވީ މިމައްސަލަޙައްލުކުރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އަދި މައްސަލަތައް ޙައްލުކުރުމަށް އެކަށީގެންވާ ބަޖެޓެއް ނެތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެޗްއާރްސީއެމުގައި ނެތް ހެކި ހޯދުމަށް ބޭނުންކުރާ ފޮރެންސިކް ތަހުލީލުތައް ހެދޭނެ ގޮތެއް ނެތް. އަޅުގަނޑުމެން ޖެހެނީ ޕޮލިސްގެ ފޮރެންސިކް އެހީއަށް އެދެން.އެހެންކަމުން މިނިވަން އަމިއްލަ ތަޙުގީގެއް ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް އެބަހުރި." ޝިފާ ޢަބްދުރައްޒާޤު ވިދާޅުވިއެވެ.

އެޗްއާރްސީއެމުންވަނީ މިދިޔަ އަހަރު އަނިޔާގެ ގޮތުގައި ހުށައަޅާފައިވާ 43 މައްސަލައެއް ބަލާފައެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅޭގޮތުން 13 މައްސަލަ ހުށައަޅާފައިވާއިރު ކަރެކްޝަނަލް ސަރވިސްއާއި ގުޅޭގޮތުން 17 މައްސަލައެއްވަނީ ބަލާފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއާއި ގުޅޭ 3 މައްސަލައެއް ވަނީ ހުށައަޅާފައެވެ. މީގެ ތެރެއިން އަނިޔާކަމަށް ތަޙުގީގުން ސާބިތުވި 4 މައްސަލައެއް ޕްރޮސެކިއުޓާރ ގެނެރަލްއަށް ފޮނުވުން އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ 3 މައްސަލައެއް އަނބުރާ ފޮނުވާލާފައިވާއިރު ޕީޖީން ބަލައިގެންފައިވަނީ އެންމެ މައްސަލައެކެވެ.

އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން އެޗްއާރްސީއެމުން ކޮންމެ އަހަރެއްގައި ނެރޭ ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު މިކަންކަން ޙައްލުކުރުމަށް މުވައްސަސާއާއި އަދި އެމުވައްސަސާއެއްގެ ބެލެނިވެރި ފަރާތާއެކު މަޝްވަރާތައް ކުރެވި ފިޔަވަޅެއްގެ ގޮތުން އެންގުންތައް އަންގާފައިވާނެކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އެހެންނަމަވެސް މިއަހަރުގެ މޭއި މަހު ނެރުނު ޖަލުތަކުގެ އޮޑިޓް ރިޕޯޓުން އެޗްއާރްސީއެމާއި ގުޅުންހުރި މައްސަލަތަކެއްވެސްވަނީ ފެންމަތި ވެފައެވެ.