ސިޔާސީ

އިމްރާނަކަށް މަޝްވަރާގައި ބައިވެރިއެއް ނުވެވޭނެ - މުއާޒް


އަދާލަތު ޕާޓީން
ސަރުކާރާއިއެކު މަޝްވަރާތަކުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ މަންދޫބުންތަކުގެ
ތެރޭގައި ފުލުހުންގެ ބަންދުގައި ހުރި ބޭފުޅެއްގެ ނަން ހިމަނާފައިވާތީ، އެ ފުރުސަތު
ދެވެން ނެތްކަމަށް ސަރުކާރުން ބުނެފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ
ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ،
އަދާލަތު ޕާޓީގެ ފަރާތުން މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ
ތެރޭގައި މިވަގުތު ފުލުހުންގެ ބަންދުގައި ހުރި އެޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ
ނަން ހިމަނުއްވާފައިވާތީ، އެ ފުރުސަތު އެފަރާތަށް ދެވެންނެތްކަމަށެވެ.



އާދާލަތުން
މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ މަންދޫބުންގެ ގޮތުގައި
ކަނޑައަޅާފައިވާ ބޭފުޅުންގެ ތެރޭގައި ޕާޓީގެ ރައީސް، އިމްރާން އަބްދުﷲއާއި، އެ
ޕާޓީގެ ނައިބު ރައީސް ޑރ. މަޢުރޫފު ހުސެއިންއާއި، ޕާޓީގެ ސެކެޓްރީ ޖެނެރަލް
މުހައްމަދު އިޔާދު ހަމީދުގެ އިތުރުން އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް
ޢައްޝައިޙް މުހައްމަދު ދީދީއާއި، އެޕާޓީގެ ދިރާސާ ކުރުމާބެހޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފް
ހިމެނިވަޑައިގަންނަވައެވެ.



މީގެ އިތުރުން އިދިކޮޅު
އެންމެ ބޮޑު ސިޔާސީ ޕާޓީ އެމް.ޑީ.ޕީންވެސް ސަރުކާރާއިއެކު މަޝްވަރާތަކުގައި
ބައިވެރިވާ ބޭފުޅުންގެ ތެރޭގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ހިމަނުއްވާފައިވާތީ، އެފަރާތައްވެސް
މަޝްވަރާ ތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެވެން ނެތްކަމަށް ރައީސް އޮފީހުން
ވަނީ ބުނެފައެވެ.