ޚަބަރު

އެޖެންޑާގައި ހުރިކަންކަން ނިންމުމަށް ރޭގަނޑުގައިވެސް ޖަލްސާތައް ބާއްވަން ނިންމައިފި


އީދު ބަންދުގެ ކުރިން އެޖެންޑާގައި ހުރިކަންކަން ނިންމުމަށްޓަކައި ރޭގަނޑުގައިވެސް ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެމްބަރުންނާ މުޙާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ މިހަފްތާގެ އެޖެންޑާގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަމަށެވެ.
ކުރިއަށް އޮތީ އަޟްޙާ ޢީދުގެ ބަންދުކަމަށްވުމުން، މަޖިލީހުގެ މަސައްކަތްތައް ތޮއްޖެހިފައި ނުހުންނާނޭހެން މަސައްކަތްތައް ބަންދުގެ ކުރިން ނިންމަން ހުރިހާމެމްބަރުންވެސް ބޭނުންވާނެކަމަށް ދެކިވަޑައިގަންނަވާކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި މިއަދުގެ ޖަލްސާގައިވެސް ގިނަ އިބްތިދާއީ ބަހުސްތަކާއި، ކޮމިޓީން ހުށަހަޅާފައިވާ ގިނަ މަސައްކަތްތައް އެބަހުރިކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާޢިދުގައިވާގޮތުން ޢާންމުކޮށް ޖަލްސާތައް ބާއްވަނީ ކޮންމެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހަކުއެވެ.