ޚަބަރު

ޖޭއެސްސީން އަޅުގަނޑުގެ މައްސަލައެއް ބެލުމަކީ ޔާމިންގެ މައްސަލައަށް އޮތް ނުފޫޒެއް ނޫން - ޤާޟީ ހައިލަމް


ޖުޑީޝަލް ސަރވިސް ކޮމިޝަނުން މައްސަލައެއް ބެލުމަކީ ރައީސް ޢަބްދުﷲ ޔާމިންގެ މައްސަލައަށް އޮތް ނުފޫޒެއް ކަމަށް ޤަބޫލު ނުކުރައްވާކަމަށް ކްރިމިނަލްކޯޓުގެ އިސް ޤާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ޔާމިންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް މިހެން ވިދާޅުވީ ޔާމިންގެ މައްސަލަ އޭނާ ބެއްލެވުމުގެ ބަދަލުގައި ގާޒީންގެ ބެންޗަކުން ބެއްލެވުމަށް ޔާމިންގެ ފަރާތްޕުޅުން ނެންގެވި އިޖްރާއީ ނުކުތާއާ ގުޅިގެންނެވެ. ގާޒީ ހައިލަމް ޔާމިންގެ މައްސަލަ ބައްލަވަން ބޭނުންނުވާ އެއްސަބަބެއްކަމަށް ޔާމިންގެ ވަކީލުން ވިދާޅުވީ ޖޭއެސްސީން އޭނާގެ މައްސަލައެއް ބައްލަވަމުން ގެންދިއުމެވެ.

ނަމަވެސް ޤާޟީ ހައިލަމް ވިދާޅުވީ އުސޫލެއްގެގޮތުން ދަށު ކޯޓުން މައްސަލަ ބައްލަވާނީ އެއް ގާޒީ ކަމަށާއި ބެންޗެއް އެކުލަވާލުމަކީ އިސް ފަނޑިޔާރެއްގެ އިޚްތިޔާރުގައިވާ ކަމަކަށްވާއިރު އިޚްތިޔާރެއްގެ ބޭނުން ނުކުރުމަކީ އިޖްރާއީ ނުކުތާއެއް ނެގޭނެ ކަމެއް ވެސް ނޫންކަމަށެވެ.

"މައްސަލައެއް ބެލުމަކީ އޭގެ ޒާތުގައި މި މައްސަލައަށް އަސަރެއް ފޯރާ މި މައްސަލައަށް ނުފޫޒެއް ފޯރުވާފާނެ ކަމެއް ކަމަކަށް ގަބޫލުކުރެވެން ޖެހޭ ސަބަބެއް ނޫން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެގޮތަކަށް. ނަމަވެސް އެގޮތައް ގަބޫލު ކުރެވިގެން މައްސަލައިން ތަނާޒުލުވާން ޖެހޭ ކަމަށްވަނީ ނަމަ މާދަމާ މި މައްސަލަ ބައްލަވަން ހަވާލު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ ގާޒީއަކަށް ވެސް ތިޔަ ވިދާޅުވާ ނުފޫޒު އޮންނާނެ ނޫންތޯ. އަޅުގަނޑުގެ އަމިއްލަ ނަފްސަކަށް ގަބޫލެއް ނުކުރެވޭ އެފަދަ ނުފޫޒެއް އޮތް ކަމަކަށް. އަދި މައްސަލައެއް (ޖޭއެސްސީ އިން) ބެލުމަކީ ވެސް މި މައްސަލައަށް ނުފޫޒެއް ފޯރުވައިގެން މި މައްސަލައިގައި އަދުލު އިންސާފް ގާއިމު ކުރުމަށް ހުރަސް އެޅިދާނެ ކަމަކަށް،" ޤާޟީ ހައިލަމް ވިދާޅުވި އެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީއަތް ލައިވް ކުރަމުން ދާންވަނީ ޢާންމުކޮށްފައިވާ އުސޫލަކުން ކަމަށްބުނެ ޔާމިންގެ ދިފާއީ ވަކީލުން ފާހަގަ ކުރެއްވި އިޖްރާއީ ނުކުތާއާ ގުޅޭގޮތުން ޤާޟީ ހައިލަމް ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ ޓީވީ މެދުވެރިކޮށް ޢާންމުކޮށް ދުރަށް ގެނެސްދޭ ގޮތައްކަމަށް އިބްތިދާއީ އަޑުއެހުމުގައި ވެސް އަންގަވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ޔާމިންގެ ޝަރީއަތް ލައިވްކުރެވެމުން ދަނީ ކްރިމިނަލް ކޯޓުގެ ޤާޒީންގެ މަޖިލީހުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ލައިވް ކުރާނެގޮތުގެ އުސޫލެއް ކަނޑައަޅައިގެން ކަމަށް. އަދި ޝަރީއަތް ލައިވްކުރުމަކުން ދައުވާލިބޭ ފަރާތަކަށް އެއްވެސް އުނިކަމެއް އަންނާނެކަމަކަށް ޝަރީއަތަށް، ޤަބޫލު ނުކުރެއްވޭކަމަށްވެސް އިސް ގާޒީ ވިދާޅުވިއެވެ.