ސިޔާސީ

ފުރައިގެން ނުދެވޭގޮތަށް ކްރިމިނަލް ކޯޓުން އިމްރާން ދޫކޮށްލައިފި


އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ
ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭގޮތަށް ކްރިމިނަލް ކޯޓުން އޭނާ މިއަދު
ދޫކޮށްލައިފިއެވެ.

ކޯޓުން އިމްރާން މިނިވަންކޮށްފައިވަނީ އޭނާގެ ބަންދާމެދު
ގޮތެއް ނިންމުމަށް ތިންވަނަ ފަހަރަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

އިމްރާން 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް
ކޯޓުން ނިންމި ނިންމުން އޭނާ ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ނިންމާ
މިއަދު ހައިކޯޓުންވަނީ ހުކުމްކޮށްފައެވެ.

ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އިމްރާން
ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ދަށުކޯޓުން ނިންމާފައިވާ ނިންމުމަކީ ބާޠިލް
ނިންމުމެއް ކަމަށެވެ. އަދި އެބަންދުގެ މުއްދަތުގައި އޭނާ ގޭ ބަންދަށް ބަދަލުކުރުމަށް
ހައިކޯޓުގެ ހުކުމްގައިވެއެވެ.

އިމްރާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ
މިމަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން
ހިންގުމަށް ހިތްވަރު ދިނުމުގެ ތުހުމަތުގައެވެ.

މޭމަހުގެ އެއްވަނަ ދުވަހުގެ މުޒާހަރާއާ ގުޅިގެން
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދާއި
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމްވެސްވަނީ މީގެކުރިން
ދޫކޮށްލާފައެވެ.















މިއެންމެންގެ މައްސަލައިގެ ތަޙްޤީގު ނިންމާ
ދަޢުވާކޮށްދިނުމަށް އެދި ފުލުހުންވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް
ފޮނުވާފައެވެ.