ޚަބަރު

އަދީބު ދިރިއުޅުއްވާ ގެ، ފުލުހުން ފާސްކޮށްފި


ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ޢަބްދުލްޣަފޫރު ދިރުއުޅުއްވާ ގ.ހުމަށި ގޭގެ 9ވަނަ ފަންގިފިލާއާއި، އެގޭގެ ޓެރަސް، ފުލުހުން ބަލާފާސްކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން މިގެ ބަލައި ފާސްކުރީ ކޯޓް އަމުރުއްގެ ދަށުންނެވެ. ގާތްގަނޑަކަށް 4 ގަޑިއެއްހާއިރުވަންދެން ފުލުހުންވަނީ އެގެ ބަލައި ފާސްކޮށްފައެވެ. ނަމަވެސް އެގެއިން އެއްވެސް އެއްޗެއް ގެންދިޔަކަމެއް އަދި އެގެ ޗެކްކުރި ވަކި ސަބަބެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް އެގެ ފާސްކުރީ، ޓަގު ބޯޓެއްގައި ފިއްލަވައިގެން އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތްކުރި މައްސަލައާ ގުޅޭ ބައެއް ހެކި ހޯދުމަށްކަމަށް މަޢުލޫމާތުލިބެއެވެ. އަދީބު ދިރިއުޅުއްވާ ގެ، ފުލުހުން ފާސްކުރީ އަދީބުގެ އަނބިކަބަލުން މަރިޔަމް ނަޝްވާއާއި އޭނާގެ ޤާނޫނީ ވަކީލުންގެ ޙާޒިރުގައެވެ.

އަދީބު ފިއްލެވި މައްސަލާގައި މާބޮޑުއެއްޗެއް ޙާމަކުރުމަށް ފުލުހުންވަނީ ދެކޮޅު ހަދާފައެވެ. އަދި ސަރުކާރުގެ އެހެން އެއްވެސް އިދާރާއަކުންވެސް މިމައްސަލާގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އަދީބު ފިއްލެވިކަން ފުލުހުން ހާމަކުރީވެސް އެކަން އިންޑިއާއި ރާއްޖޭގެ މީޑިއާތަކުން ހާމަކުރިތާ އެއްއިރެއް ފަހުންނެވެ. އަދި ފުލުހުން މިހާތަނަށް މިމައްސަލާގައި ބުނެފައިވަނީ އަދީބް މިހާރުހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަަށަށް އަދީބު ގެނެސް މާލެ ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަން ހާމަކުރިފަހުން ފުލުހުންގެ އިތުރު ބަހެއް މިކަމުގައި ނުލިބެއެވެ.

އަދީބު ފިއްލައވައިގެން ވަޑައިގަތް ޓަގު ބޯޓު ރާއްޖެއިން ފުރާފައިވަނީ މި މަހުގެ 27ވަނަ ދުވަހުއެވެ. ފުރިއިރު، އެ ބޯޓުގައި ރާއްޖެއަށް އައި 9 މީހުންގެ ބަދަލުގައި 10 މީހުން ތިއްބެވެ. 10ވަނަ މީހަކީ އަދީބެވެ. ރާއްޖެއިން އިތުރު މީހަކު އެ ބޯޓަށް އެރިކަން އެ ބޯޓުގެ އެޖެންޓަށް އެންގީ އެބޯޓުގައި ހުރި އިންޑިއާ ފަޅުވެރިޔާއެވެ. އެޖެންޓް މެދުވެރިކޮށް، އިންޑިއާގެ ކަސްޓަމާއި ކޯސްޓްގާޑާއި ޖާސޫސީ އިދާރާތަކަށް އެންގުނުއިރު ބޯޓު ރާއްޖެއިން ފުރާފައިވާކަމަށް ބެލެވެއެވެ. އިންޑިއާގެ ފުލުހުންނަށް ބޯޓު އަތުވެފައިވަނީ އިންޑިއާގެ ޓްުޓިކޮރި ނުވަތަ ސޫތުކުޅި އާއި ހަމައަށް ދަތުރުކުރިފަހުންނެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ އަދީބް ދަތުރުކޮށްފައިވަނީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ވަރގޯ-9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި އުޅަނދަކީ މިދިޔަމަހުގެ 11ވަނަ ދުވަހު ހިލަވެލި ބަރުކޮށްގެން ރާއްޖެ އައިސްފައިވާ އުޅަނދެކެވެ.

ފިއްލަވައިގެން ސޫތުކުޅިއަށް ވަޑައިގަތުމަށްފަހު އަދީބުވަނީ އިންޑިއާގެ ސިޔާސީ ހިމާޔަތަށްވެސް އެދިވަޑައިގެންފައެވެ. އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މަރުކަޒުވެފައިވާ އަދީބްގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާ ޤައުމު ދޫކޮށް ދިޔައީ ފުރާނައަށް ނުރައްކާވުމުންކަމަށެވެ. އެހެންނަމަވެސް އިއްޔެގެ ވަގުތެއްގައި އިންޑިއާއިންވަނީ އަޙްމަދު އަދީބު އަބްދުލްޣަފޫރަށް ސިޔާސީ ޙިމާޔަތްދިނުމަށް ދެކޮޅުހަދައި އިންޑިއާއިން އޭނާ ޑީޕޯޓްކޮށްލާފައެވެ.

އަދީބް ފިލައިގެން އިންޑިއާއަށް އެތެރެވާން ކުރި މަސައްކަތް ފަޅާއަރުވާލީ އޭނަ ދަތުރުކުރި ޓަގު ބޯޓުގައި އުޅުނު އިންޑިޔާގެ ފަޅުވެރިޔާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.