ޚަބަރު

ސަދަން ބިޒްނަސް އެކްސްޕޯ ނިންމާލައިފި


ޓައިޓަން މޯލްޑިވްސްއިން އިންތިޒާމު ކޮއްގެން ބޭއްވި ސަދަން ބިޒްނަސް އެކްސްޕޯ ނިންމާލައިފިއެވެ.
އައްޑޫ ސިޓީގަމުގެ އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫން ހޯލުގައި 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިއެކްސްޕޯ ގައި އެކި ދާއިރާތަން ޖުމްލަ 29 އެގްޒިބިޓަރެއް ވަނީ ބައިވެރިވެފައެވެ.

އެކްސްޕޯ އިންތިޒާމުކުރި ޓައިޓަން މޯލްޑިވްސްއިން މަޢުލޫމާތުދިން ގޮތުގައި މިއިވެންޓު އަމާޒުކޮށްފައިވަނީ ނެޓްވޯކިންގް ނުވަތަ ވިޔަފާރިތަށް ގުޅުވާލުމުގެ އިވެންޓެއް ގޮތުގައެވެ. މިއެކްސްޕޯގެ ތެރެއިން އިމްޕޯޓް އެކްސްޕޯޓާގުޅޭ ޕެނަލް ޑިސްކަޝަންއެއް ވަނީ އައްޑޫގެ ވިޔަފާރި ވެރިންނާއެކު ބާއްވާފައެވެ. މީގެއިތުރުން އެކްސްޕޯގެ 3ވަނަ ދުވަހު އެކްސްޕޯ ކުރިއަށް ދިޔަ ގަޑީގައި، ވިޔަފާރީގެ ދާއިރާގައި ތަޖުރިބާކާރުންނާއި، ބައެއް މުއައްސަސާތަށްވަނީ އެފަރާތްތަކުގެ ޚިދުމަތްތަށް ޙިއްސާ ކޮށްފައެވެ.

މިމަޢުރަޒުގައި ބައިވެރިވެ ވަޑައިގަތުމަށް އައްޑުއަށް ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާޢީލް ވިދާޅުވީ މިފަދަ އެކްސްޕޯއެއްގެ ސަބަބުން އައްޑޫގެ ވިޔަފާރިތަކަށް ވަރަށްބޮޑު ފައިދާ ކުރާނެ ކަމަށެވެ.

ޓައިޓަން މޯލްޑިވްސްއިން ދެކޭގޮތުގައި މިއެކްސްޕޯ، އުންމީދު ކުރިވަރަށް ވުރެވެސް ކާމިޔާބެވެ. ނޫސްވެރިންނަ މައުލޫމަތު ދެއްވަމުން ޓައިޓަން މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ މިއެކްސްޕޯ އަކީ ފުރަތަމަ ފަހަރަށް ބޭއްވި އެކްސްޕޯއަށްވުމުން ގިނަ ދަތިތަކާ ކުރިމަތިވިކަމަށެވެ. އެހެން ނަމަވެސް މިއީ ފެށުމެއް ކަމަށް ދެކިގެން، މިފަދަ އިތުރު އިވެންޓުތަށް ބޭއްވުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފަދަ އެކްސްޕޯއެއް ފުރަތަމަ ފަހަރު އައްޑޫގައި ބޭއްވިއިރު، ތަރުޙީބު ރަނގަޅުކަމަށް ބައިވެރިވި އެގގްޒިބިޓަރުން ވަނީ ބުނެފައެވެ. ޓައިޓަން މޯލްޑިވްސްއިން ބުނެފައިވާގޮތުގައި ކުރިއަށްއޮތްތަނުގައި ރާއްޖޭގެ އެކިސަރަހައްދުތަކުގައި ބިޒްނަސް އެކްސްޕޯ ބާއްވާނެކަމަށެވެ. އަދި އަންނައަހަރުވެސް މިއެކްސްޕޯ މިއައްވުރެ ގިނަ އެގްޒިބިޓަރުންނާއެކު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެފަރާތުން ބުނެއެވެ. އެކްސްޕޯ ނިމިގެން ދިޔައީ ބައިވެރިވި ފަރާތްތަކާއި އެހީތެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލު ކުރުމމަށްފަހުއެވެ.