ޚަބަރު

"ބޭބީ ޝާކް ސީރިއަލް" ނެރެފި


"ބޭބީ ޝާކް" ލަވައިގެ މަޝްހޫރުކަމާއެކު ކެލޯގްސްއިން ބޭބީ ޝާކް ސީރިއަލް ބާޒާރަށް ނެރެފިއެވެ.

ބޭބީ ޝާކް ލަވައަކީ ޕިންގ ފޯންގ ނަމަކަށް ކިޔާ ކުންފުންޏަކުން 2016ވަނަ އަހަރު ނެރުނު ލަވައެކެވެ. މިލަވަ ރިލީސްވުމާއެކު ކުޑަކުދިންނާއި ބޮޑެތިމީހުންގެ މެދުގައިވެސް މިލަވަ ވަރަށް ބޮޑަށް މަޤްބޫލުވެގެންދިޔައެވެ. އެގޮތުން މި ލަވައަށް އެކަނިވެސް ޖުމްލަ 3 ބިލިއަން ވިއުސްވަނީ ލިބިފައެވެ.

ލަވައިގެ މަޝްހޫރުކަމާއި ކާމިޔާބީއާއެކު މިހާރު ދުނިޔޭގެ ސީރިއަލް އުފައްދާ މަޝްހޫރު ކުންފުނި "ކެލޯގްސް"އިން ވަނީ "ބޭބީ ޝާކް" ސީރިއަލް އެއް ބާޒާރަށް ނެރެފައެވެ.

އެހެންކަމުން، މިއީ ބޭބީ ޝާކް ލަވައިގެ ފޭނުންނަށް އުފާވެރި ޚަބަރެކެވެ. ޕިންގފޮންގ ކުންފުންޏާ ގުޅިގެން ކެލޯގްސް އިން އުފައްދާފައިވާ މިސީރިއަލްގައި ބެރީ ފްލޭވަރއާއި މާޝްމެލޯސް އެކުލެވިގެންވެއެވެ.

ނޫސްތަކަށް މަޢުލޫމާތުދެއްވަމުން ކެލޯގްސް ކުންފުނީގެ މާކެޓިންގ ޑިރެކްޓަރ އެރިން ސްޓޯރމް ވިދާޅުވެފައިވަނީ ކެލޮގްސް އިން އަބަދުވެސް މާކެޓަށް ތަފާތު އުފެއްދުންތައް ނެރުމަށް އިސްކަންދޭކަމަށެވެ. އެގޮތުން ބޭބީ ޝާކް ސީރިއަލްއަކީ ވެސް ކުޑަކުދިންނާއި ޢާއިލާތަކާ ގުޅުވައިގެން މުޅިން ތަފާތު ޕްރޮޑަކްޓަކަށް ވާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ބޭބީ ޝާކް ސީރިއަލް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މިމަހު 15ގައި އެމެރިކާގެ ފިހާރަތަކަށެވެ. އެއަށްފަހު ސެޕްޓެމްބަރުމަހުގެ ތެރޭ އެހެނިހެން ޤައުމުތަކަށް ލިބެން ހުންނާނެކަމަށް ކެލޯގްސް އިން ބުނެއެވެ.