ޚަބަރު

ޅ.ހިންނަވަރުގައި ޢީދު ފާހަގަކުރަން ހޯމްމިނިސްޓްރީން ނިންމަވައިފި


ޅ.ހިންނަވަރުގައި އަޟުހާ ޢީދު ފާހަގަކުރުމަށް ހޯމްމިނިސްޓްރީން ނިންމަވައިފިއެވެ.
އެމިނިސްޓްރީން ވިދާޅުވީ ޅ.ހިންނަވަރުގައި ޢީދު ފާހަގަކުރުމަށް ނިންމެވީ ހޯމްމިނިސްޓަރީއާ ގުޅިގެން ޢީދުފާހަގަކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް އެދި ކައުންސިލްތަކަށް ފޮނުވި ސަރކިއުލައާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށައެޅިރަށަކީ ހިންނަވަރު ކަމަށްވާތީކަމަށެވެ.

ހޯމް މިނިސްޓްރީން ހުޅުވާލި ފުރުޞަތުގައި 6 ރަށަކުން ވަނީ އެ މިނިސްޓްރީއާ ގުޅިގެން އީދު ފާހަގަކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށައަޅާފައެވެ. ހިންނަވަރު ކައުންސިލާ ގުޅިގެން އެރަށުގައި ޢީދުގެ ހަރަކާތްތައް ހޯމް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހުއެވެ. ހިންނަވަރުގައި ޢީދު ފާހަގަކުރަން ނިންމުމުގެކުރިން މިނިސްޓްރީގެ ޓީމެއްވަނީ އެރަށަށް ޒިޔާރަތްކޮށް މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށް، މަޢުލޫމާތު އޮޅުންފިލުވާފައެވެ.

ހިންނަވަރުގައި ޢީދުގެ ޙަރަކާތްތައް ކުރިއަށްގެންދާނީ ޘަޤާފީ ކުޅިވަރުތަކާއި ސްޓޭޖް ހަރަކާތްތައްވެސް ހިމެނޭގޮތަށެވެ. މީގެތެރޭގައި ދަނޑިޖެހުމާއި ބަނޑިޔާޖެހުންފަދަ ކުޅިވަރުތައް ހިމެނެއެވެ. ހިންނަވަރުގައި އީދު ފާހަގަކުރުމަށް އެރަށުގެ ރައްޔިތުން މިހާރުވެސް ގެންދަނީ ތައްޔާރުވަމުންނެވެ. ހިންނަވަރުގައި ކުރިއަށްގެންދާ އީދު ކުޅިވަރުތައް ވަގުތުން ދުރަށްދެއްކުމަށްވެސް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.