ކުޅުދުއްފުށީގައި، ސަރުކާރުން ހަދަމުންދާ ލޯކަލް ބަނދަރުގެ މަސައްކަތްތައް ކުރިއަށްދަނީ އޮޑިވެރީންނާއި ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ނޫންކަމަށްބުނެ އެކަމާ މަޝްވަރާކުރުމަށް އޮޑިވެރިން އިސްނައިގެން ބޭއްވި ބައްދަލުވުން "ހޫނުވެގެން" ނިންމާލައިފިއެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ)ގެ ހިލޭ އެހީގައި ހަދަމުންދާ މިބަނދަރުގެ މައްސަލަ ބޮޑުވެފައިމިވަނީ އެތަން ހަދަމުންދަނީ ރައްޔިތުން ހުށަހެޅި ބަދަލުތައް ނުގެނެސްކަމަށް ބުނެއެވެ. މިމައްސަލާގައި ބޭއްވި ބައްދަލުވުމަކީ އޮޑިވެރިން އިސްނަގައިގެން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށާ، މިކަމުގައި ޢަމަލުކުރާނެ ގޮތެއް ނިންމަން ރޭ، ތިލަދެކުނު ސިނަމާގައި ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުން "ހޫނުވެގެން" ނިންމާލީއިރު ވަކިގޮތެއް ނިންމާފައެއްވެސް ނުވެއެވެ.
މިބައްދަލުވުމުގައިވަނީ ދެކަމެއް ވޯޓަކަށް ހުޅުވާލާފައެވެ. އެއީ ޕެޓިޝަނެއް ހަދައި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ހުށަހަޅުމަށާއި ކުރިއަށްއޮތް ޢީދުބަންދު ނިމެންދެން މަޑުކޮށް އެހާތަނަށް ސަރުކާރުން އެދެވޭ ޖަވާބެއް ނުދީފިނަމަ ރައްޔިތުންނުކުމެ ބަނދަރުގެ މަސައްކަތް ހުއްޓުވުމަށެވެ. އެތަނަށް އެއްވެތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ތާއީދު ކުރީ އެއްގޮތަށެވެ. ދެވަނައަށް ހުށަހެޅީ ވަގުތުން ވަގުތަށް ބަނދަރުގެ މަސައްކަތް ހުއްޓުވުމަށް ރައްޔިތުން ނިކުތުމަށެވެ. އެކަމަކު އެހުށަހެޅުމަށް ލިބުނު ތާއީދު ކުޑައެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސާއި މެންބަރުން ބައިވެރިވި މިޖަލްސާ ފުރަތަމަ ހޫނުވީ ކައުންސިލްގެ ރައީސް ޢަބުދުއްލަތީފް ވާހަކަދެއްކެވުމަށްފަހު ޚިޔާލު ހުށަހެޅުމަށް ހުޅުވާލުމުން އާންމުގެ ތެރެއިން މީހަކު ކުރި ސުވާލަކާ ގުޅިގެންނެވެ. އެމީހާ ސުވާލުކުރީ ބަނދަރުގެ މަސައްކަތުގެ ފައިނަލް ކުރެހުން ކައުންސިލަށް ލިބުނީ ކޮންއިރަކުތޯއެވެ.
އެއަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ރައީސް ޢަބުދުއްލަތީފް ވިދާޅުވީ އެކަން ފައިނަލް ވެގެންއައީ ނިމިދިޔަ ސަރުކާރުގައި ކަމަށެވެ. އެދުނު ބަދަލުތައް ނުގެނެސް ހުރުމުން އޭރުވެސް އެހިތްހަމަނުޖެހުން ކައުންސިލްގައި އޮތްކަމަށާއި ނަމަވެސް އޭރު އެކަމާދެކޮޅު ނުހެދީ އެޕްރޮޖެކްޓް ގެއްލިދާނެކަމުގެ ބިރު އޮތުމުންކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރުގެ ހިލޭ އެހީއަށްވެފައި އަދި އޭރުގެ ސަރުކާރަކީ މަޝްވަރާކުރަން އުނދަގޫ ސަރުކާރެއްކަންވެސް ލަތީފްވަނީ ފާހަގަކުރައްވާފައެވެ. ވެރިކަން ބަދަލުވި ހިސާބުން ރައީސް ޞާލިހު ހުވާކުރައްވައި ވަޒީރުން އައްޔަންކުރިތާ 24 ގަޑިއިރުވެސް ނުވަނީސް ޕްލޭންގ މިނިސްޓަރު މުޙައްމަދު އަސްލަމާ ބައްދަލުކޮށް ބަނދަރުގެ މައްސަލާގައި އޮތް ކަންބޮޑުވުން ހިއްސާކޮށް އެކަން ހައްލުކޮށްދެއްވުމަށް އެދުނުކަމަށް ލަތީފް ވިދާޅުވިއެވެ.
ދެވަނަ ޚިޔާލަށް ތާއިދުކުރި މީހުންގެ ތެރެއިން ބަޔަކު އޭރުވެސް ދިޔައީ އެތަނުގައި އަޑުގަދަ ކުރަމުންނެވެ. އެމީހުން ބުނަމުންދިޔައީ ޕެޓިޝަން ހަދައި ސަރުކާރުގެ ޖަވާބެއްގެ އިންތިޒާރުގައި ތިބެއްޖެނަމަ އަބަދުވެސް ޖެހޭނީ ޕެޓިޝަން ހުށަހަޅަކަން ކަމަށެވެ. އަދި މިހާރު ބަނދަރުގެ ބޮޑުބައެއް ނިމިފައިވާތީ ޕެޓިޝަން ހަދަހަދައި ތިބޭހާ ދުވަހެއް ނެތްކަމަށްވެސް އެމީހުން ދިޔައީ ގޮވަމުންނެވެ. އެމައްސަލާގައި ކައުންސިލުން ޒިންމާ އުފުލުމުގެ ބަދަލުގައި އެކަން ކުރީގެ ސަރުކާރުގެ ބޮލުގައި އަޅުވާކަމަށް ބުނެވެސް ބަޔަކު އަޑުގަދަކުރިއެވެ.
އޮޑިވެރިންގެ ފަރާތުން ވާހަކަ ދެއްކި ކުރީގެ ކައުންސިލަރު އާދަމް ވަހީދު ވިދާޅުވީ މިއަދު މިއަދަށް ނުކުމެ ބަނދަރުގެ މަސައްކަތް ހުއްޓުވުން އަދި މަޑުޖައްސާލުމަށެވެ. އޭނާ އެގޮތަށް ވިދާޅުވީ އިއްޔެ ނައިބު ރައީސް ފައިސަލް ނަސީމްއާ އޮޑިވެރިން ބައްދަލުކުރުމުން އެކަން ހައްލުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ ސަރުކާރަށް ވަގުތު ދިނުމަށް ކަމަށެވެ.
އޭޑީބީގެ ބޭފުޅުން ތިއްބަވައިގެން 2017ވަނަ އަހަރާއި 2018ވަނަ އަހަރު ހައުންސިންގ މިނިސްޓްރީން ވަނީ ކުޅުދުއްފުށީގައި ބައްދަލުވުންތަކެއް ކުރިއަށްގެންގޮސްފައެވެ. އެ ބައްދަލުވުންތަކުގައި އޮޑިވެރިން ވަނީ ބަނދަރަށް ގެންނަށް ބޭނުންވާ ބަދަލުތަކެއް ހުށަހަޅާފައެވެ. އެހެންނަމަވެސް އެ ބަދަލުތައް ނުގެނެސް ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަން އޭރުގެ ސަރުކާރުން ނިންމައި ކައުންސިލަށް އެކަން ރަސްމީކޮށް އެންގިއެވެ. އެކަމަކު ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިސަރުކާރުންނެވެ.
މިހާރު ހަދަމުންދާ ބަނދަރުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް ކައުންސިލުންވަނީ ރައީސުލް ޖުމްހޫރިއްޔާއަށްވެސް ދަންނަވާފައިކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ.