ވިޔަފާރި

މީރާގެ ރަންލާރި އެވޯޑް 17 ފަރާތަކަށް ދީފި


މިދިޔަ އަހަރު އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް މީރާއިން ރަންލާރި އެވޯޑްދީފިއެވެ. މީރާއަށް 9 އަހަރު ފުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި 11 ގިންތިއަކުން 17 ފަރާތަކަށްވަނީ އެވޯޑްދީފައެވެ.

ރަންލާރި އެވޯޑަކީ ޓެކްސްއާއިގުޅޭ އެންމެ ގިނަ އިލްތިޒާމްތައް ފުރިހަމަކޮށް އެންމެ ގިނައިން މީރާއަށް ޓެކްސް ދައްކާފައިވާ ފަރާތްތަކަށް މީރާއިންދޭ އެވޯޑެކެވެ. 2018 ވަނަ އަހަރު އެކި ދާއިރާތަކުން އެންމެ ގިނައިން ޓެކްސް ދައްކާފައިވާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

ފާއިތުވި އަހަރު، ވިޔަފާރީގެ ދާއިރާއިން ޓެކްސްދައްކާ ފަރާތްތަކުގެ ތެރެއިން މި އެވޯޑް ލިބުނު 3 ފަރާތަކީ އުރީދޫ މޯލްޑިވްސް، އާއި ޓްރާންސް މޯލްޑިވްސް އެއަރވޭސްގެ އިތުރުން ޔުނިވަރސަލް އެންޓަޕްރައިޒްއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ރިސޯޓްތަކުގެ ގިންތީން 150 އެނދަށްވުރެ ދަށުގެ ގިންތީން އެވޯޑް ހާސިލްކުރީ ޝުވަލް ބްލަންކް ރަންދެލިއެވެ. އަދި 150 އެނދާއި 250 އެނދުގެ ގިންތީން ފޯސީޒަން ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު އެވޯޑް ހާސިލްކުރިއިރު 250 އެނދަށްވުރެ ގިނައިން އެނދުހުރި ރިސޯޓްތަކުގެ ތެރެއިން އެވޯޑް ލިބިފައިވަނީ ކުރަމަރި މޯލްޑިވްސްއަށެވެ.

ޓްރެވެލް އެޖެންސީގެ ގިންތީން އެންމެ ގިނައިން ޓެކްސް ދައްކައިގެން ރަންލާރި އެވޯޑް ޙާސިލްކުރީ އިންޓުއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.

ޓުއަރިސްޓް ހޮޓާ ގިންތީން ހުޅުލޭ އައިލެންޑް ހޮޓެލް އެވޯޑް ހޯދިއިރު، ޓޫރިސްޓް އުޅަނދުތަކުގެ ގިންތިން އެވޯޑް ލިބުނީ ފޯސިޒަންސް އެކްސްޕްލޯރަރއަށެވެ. ޓޫރިސްޓް ގެސްޓްހައުސް ގިންތީން އެވޯޑު ލިބުނީ ސީޒަން ޕެރެޑައިސް އަށެވެ. އަދި ވައިގެ އުދުހުންތަކުގެ ގިންތިން އެވޯޑް ހާސިލްކުރީ ޓްރާސް މޯލްޑިވިއަން އެއަރވޭސްއެވެ.

ކުދިވިޔަފާރީގެ ދާއިރާއިން އެވޯޑް ލިބުނީ އަޙްމަދު ވަހީދު، ގ.އޮޓޯގަރާޖް އޮޓޯޕާރޓް ގެލަރއަށެވެ. މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އެވޯޑް ހޯދީ ޑީބުލޫ ޕްރައިވެޓް ލިމިޓެޑްއެވެ. ބޮޑެތި ވިޔަފާރިތަކުގެ ގިންތިން ރަންލާރި އެވޯޑް މިފަހަރު ހޯދީ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގުރޫޕެވެ.

ބެންކް ޕްރޮފިޓް ޓެކްސް އެންމެ ގިނައިން ފާއިތުވި އަހަރު ދައްކައިގެން މި އެވޯޑް ބެންކް އޮފް މޯލްޑިވްސްއަށް ދީފައިވާއިރު، ވިތް ހޯލްޑިންގ ޓެކްސް އެންމެ ގިނައިން ދައްކާފައިވަނީ ޓްރާންސް މޯލްޑިވިއަން އެއަރވޭސްއެވެ. މީގެއިތުރުން ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ތެރެއިން 2018 ވަނަ އަހަރު އެންމެ ގިނައިން ޓެކްސް ދައްކައިގެން ރަންލާރި އެވޯޑް ގެންދިޔައީ ދިރާގުންނެވެ.

ރަންލާރި އެވޯޑަކީ 2013 ވަނަ އަހަރުންފެށިގެން މީރާއިން ދެމުންދާ އެވޯޑެކެވެ. މި އެވޯޑް ދިނުމުގެ ބޭނުމަކީ އެ ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އެހެން ފަރާތްތަކަށްވެސް ޓެކްސް ދެއްކުމަށް ހިތްވަރުދިނުންކަމަށް މީރާއިން ބުނެއެވެ.