ސިޔާސީ

ރާއްޖޭގެ ޑިމޮކްރަސީއާއިމެދު އިނގިރޭސިވިލާތުގެ ކަންބޮޑުވުން


ރާއްޖޭގެ ޑިމޮކްރަސީއަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާމެދު އިނގިރޭސިވިލާތުން ކަންބޮޑުވާ ކަމަށް ސްރީލަންކާއާއި ރާއްޖެއަށް ކަޑައަޅުއްވާފައިވާ އިނގިރޭސި އާ ސަފީރު ޖޭމްސް ޑޫރިޝް ވިދާޅުވެއްޖެއެވެ.ޕަބްލިކް ސާރވިސް މީޑީއާ، ފީ.އެސް.އެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޑޫރިޝް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފަހަކަށްއައިސް ކަންބޮޑުވާފަދަ ބައެއް ކަންކަން ހިނގަމުންދާކަމަށެވެ. އެގޮތުން މޭމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރޭގައި ހަމަނުޖެހުން ހިންގުމަކީ ކަންބޮޑުވާކަމެއްކަމަށް ފާހަގަ ކުރެއްވިއެވެ. އަދި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ޑިމޮކްރެޓިކް މުޖުތަމަޢުއަކަށްވެސް މުހިންމުކަމެއްކަމަށް ފާހަގަ ކުރެއްވިއެވެ.ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެން ދިއުމަކީ އިނގިރޭސިވިލާތުން އެދޭ ކަމެއްކަމަށް ޑޫރިޝް ވިދާޅުވިއެވެ. އަދި އިނގިރޭސިވިލާތުން ރާއްޖޭގެ ވަކި ޕާޓީއަކަށް ތާއީދުނުކުރާ ކަމަށާއި، އެގައުމުން ތާއީދުކުރާނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރަނިވި ސިޔާސީ ނިޒާމެއް ގާއިމްވެގެންދިއުމަށްކަމަށް ޑޫރިޝް  ވިދާޅުވިއެވެ.ރާއްޖޭގެ ސިޔާސީ މަސްރަހަށް އަލިއަޅުއްވާލައްވާ ވަހާކަފުޅު ދައްކަވަމުން ޑޫރިޝް ވިދާޅުވީ، ހިޔާލުތަފާތުވުންތައް ކުޑަކުރުމަށްޓަކާ ހުރިހާ ފަރާތަކުންވެސް މަޝްވަރާކުރުމަކީ މުހިންމުކަމެއްކަމަށެވެ.ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ޑޫރިޝް ވަނީ އިއްޔެ ނިންމަވާލައްވާފައެވެ.މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އިސްމަޤާމްތަކުގެ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކާއި ބައްދަލުކުރައްވާ ރާއްޖޭގެ މަސްރަހާ ގުޅުންހުރި ކަންކަމާމެދު ވަނީ މަޝްވަރާކުރައްވާފައެވެ.