މުނިފޫހިފިލުވުން

ކަންގަނާގެ "ޖަޖްމެންޓަލް ހޭ ކިޔާ"އަށް ފިނި ތަރުޙީބެއް


ކަންގަނާގެ "ޖަޖްމަންޓެލް ހޭ ކިޔާ"އަށް ބޮލީވުޑް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބޭގޮތްނުވެ، ފިލްމަށް ލިބޭ އަމްދަނީ ހީކުރިވަރަށްވުރެ ދަށްވާން ފަށައިފިއެވެ.

މަޝްހޫރު ބަޠަލާ ކަންގަނާ ރަނައުޓާއި، ރާޖުކުމާރު ރާއޯގެ ފިލްމް "ޖަޖްމަންޓެލް ހޭ ކިޔާ" ވަނީ ރިލީޒްކުރުމުގެ ކުރިންވެސް މީޑިއާތަކުގެ ފަލަ ސުރުޚީއިން ޖާގަހޯދާފައެވެ.

އެގޮތުން މި ފިލްމްގެ ޕޯސްޓަރުތަކުން ފެށިގެންގޮސް ފިލްމްގެ ޓްރެއިލަރއާއި ލަވަތަކާއި ޕްރޮމޯޝަނަލް ޙަރަކާތްތަކާ ގުޅޭގޮތުންވެސް މީޑިއާތަކުގައި ތަފާތު ގޮތްގޮތަށް ވަނީ އަޑު ފެތުރިފައެވެ. ކޮންމެއަކަސް މިފިލްމަށް ގިނަ ބަޔަކު ކުރި އިންތިޒާރު މިހާރު ނިމުމަކަށް އައިސްފައިވާއިރު، މިފިލްމަށް ލިބެމުންދަނީ ވަރަށް ފިނި ތަރުޙީބެއްކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން މިވަނީ ބުނަން ފަށާފައެވެ.

މިދިޔަ ޖުލައިމަހުގެ 25ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ދުވަހު 5.40 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެއެވެ. ފިލްމް ރިލީޒްކުރިތާ ހަފްތާއެއްގެ ތެރޭގައި މި ފިލްމަށް ލިބިފައިވަނީ އެންމެ 29.52 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ. ކަންގަނާއާއި ރަޖްކުމާރު ރާއޯގެ ފަރާތުން ވަރަށްވެސް ތަފާތު ކެރެކްޓަރއެއް ފެނިގެންދާ މިފިލްމަށް ކްރިޑިކްސްގެ ފަރާތުންވެސް ހީކުރިވަރުގެ ތަރުޙީބެއް ލިބިފައެއްނުވެއެވެ.

ކަންގަނާ އެންމެ ފަހު ކުޅުނު ފިލްމް "މަނިކަރްނިކާ" އަށްވެސް ބޮކްސް އޮފީހުގައި މާބޮޑެތި ކާމީޔަބީއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ރާޖްކުމާރު ރާއޯ މިދިޔަ އަހަރު ކުޅުނު ގިނަ ފިލްމަތައް ވަނީ ކާމީޔާބުވެފައެވެ.

މިއަހަރުގެ މިހާތަނަށް ރިލީޒްކޮށްފައިވާ ބޮލީވުޑް ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ 272 ކްރޯޑް ރުޕީސްގެ ޢާމްދަނީއަކާއެކު ޝާހިދު ކަޕޫރުގެ "ކާބިރް ސިންގް"އެވެ. ދެވަނަ ގައި އޮތީ ރިތިކްގެ "ސުޕަރ 30"އެވެ. އެ ފިލްމަށް މިހާތަނަށް 128 ކްރޯޑް ރުޕީސްގެ ޢާމްދަނީއެއް ލިބިފައިވެއެވެ.