ޚަބަރު

ނާއިބު ރައީސް ކުޅުދުއްފުށީގެ 3 ސުކޫލަކަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވާލައްވައިފި


ރައިސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ހދ. އަތޮޅުގެ ރަށްތަކަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށީގެ ސްކޫލްތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ ޙާލަތުބެއްލެވުމަށް ސިލްސިލާކޮށް ނާއިބު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށީ ސުކޫލުތަކަށް ކުރެއްވި މިޒިޔާރަތުގައި ނާއިބް ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސްކޫލްތަކަށް ކުރެއްވި ޒިޔާރަތުގައި ނައިބު ރައިސް އެންމެ ފުރަތަމަ ވަޑައިގަތީ ޖަލާލުއްދީން ސްކޫލަށް. ނާއިބް ރައީސް ވަނީ އެ ސްކޫލުގެ މެނޭޖްމަންޓާއި ޕީޓީއޭގެ ބޭފުޅުންނާ ބައްދަލުކުރައްވާ ސްކޫލަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ. މި ބައްދަލުވުމުގައި ސްކޫލުގެ މެނޭޖްމަންޓުން ވަނީ އެ ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރި ނަމަވެސް އެކަށީގެންވާ ގޮތެއްގައި އަދިވެސް ކިޔަވައިނުދެވޭކަން ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައި ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައިވަނީ ސްކޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކުޅުދުއްފުށީ ގައި ހުންނަ ހދ.އަތޮޅުގެ ތަޢުލީމީ މަރުކަޒުގެ ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައި ނާއިބް ރައީސް ވަނީ އެސްކޫލަށް ދިމާވެފައިހުރި މައްސަލަތައް އޮޅުންފިލުއްވާފައެވެ. ސްކޫލުގެ މެނޭޖްމަންޓުން ވަނީ އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ނާއިބް ރައީސާ ހިއްސާކުރައްވާފައެވެ.

ނާއިބް ރައީސް ކުޅުދުއްފުށީ އަފީފުއްދީން ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެސްކޫލަށް ދިމާވެފައިވާ ދަތިތައްވެސް އޮޅުންފިލުއްވާފައެވެ.