ޚަބަރު

މަހާ ޖައްރާފުން ގެއްލުމެއްނުވޭ، އެއީ މުހިއްމު އެސެޓެއް - އެމް.ޓީ.ސީ.ސީ


ބިން ހިއްކުމުގެ މަޝްރޫޢުތަކުގައި ބޭނުންކުރުމަށް އެމް.ޓީ.ސީ.ސީން ގެނެސްފައިވާ ޑްރެޖަރ "މަހާ ޖައްރާފު"ގެ ސަބަބުން އެކުންފުންޏަށް ގެއްލުންނުވާކަމަށާއި، އެއީ އެކުންފުންޏަށާއި، ރާއްޖެއަށްވެސް މުހިއްމު އެސެޓެއްކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

އެމް.ޓީ.ސީ.ސީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވަނީ މަހާ ޖައްރާފާއި ގުޅޭގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެގޮތުން ނުއަގުގައި ބޮޑު އުޅަނދެއް ގަތުމުން ކުންފުންޏަށާއި ހިއްސާދާރުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ފާހަގަކޮށް، ބައެއް ހިއްސާދާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ޖެނެރަލް މެނޭޖަރ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް އަޙްމަދު ލަޠީފު ވިދާޅުވީ، މަހާ ޖައްރާފުގެ ސަބަބުން އެކުންފުންޏަށް ގެއްލުންވަމުންދާކަމަށް ބުނެ ދެކެވެމުންދަނީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށާއި، އެފަދަ އެއްވެސް މަޢުލޫމާތެއް އެކުންފުނިން ހިއްސާކޮށްފައިނުވާނެކަމަށެވެ. ލަޠީފު ވިދާޅުވީ، މަހާ ޖައްރާފަކީ އެމް.ޓީ.ސީ.ސީއަށާއި، ރާއްޖެއަށްވެސް މުހިއްމު އެސެޓެއްކަމަށެވެ. އެމް.ޓީ.ސީ.ސީން މަހާ ޖައްރާފު ރާއްޖެގެނައިފަހުން ބިން ހިއްކުމުގެ 8 މަޝްރޫޢެއް ހިންގާފައިވާއިރު، މި މަޝްރޫޢުތައް ހިންގުމަށް 132 ހެކްޓަރުގެ ބިން ހިއްކާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މަހާ ޖައްރާފަކީ އެމްޓީސީސީއަށާއި ރާއްޖެއަށްވެސް ލިބިފައިވާ ވަރަށް ބޮޑު އެސެޓެއް.. މަހާ ޖައްރާފުގެ ކެޕޭސިޓީއަށް ބަލާއިރުވެސް ކޮންމެ ދެދުވަހަކުން ހެކްޓަރެއް ހިއްކާލެވޭ.. އެއީ މިހާރުވެސް ވަރަށް ފައިދާވަމުންދާ ވަރަށް ބޭނުންތެރި އެއްޗެއް.. މަހާ ޖައްރާފު އެމްޓީސީސީން ގެނައިފަހުންވެސް ހިންގިއްޖެ ގާތްގަނޑަކަށް 8 މަޝްރޫޢެއް.. މި 8 މަޝްރޫޢުގެ ތެރެއިން އަޅުގަނޑުމެންނަށް 132 ހެކްޓަރުގެ ބިން ވަނީ ހިއްކިފައި.." ލަޠީފު ވިދާޅުވިއެވެ.

ލަޠީފު ވިދާޅުވީ، ހޮޕަރ ޑްރެޖަރ ބޭނުންކޮށްގެން ބިން ހިއްކުމުގެ މަޝްރޫޢުތައް ހިންގުމަކީ ޚަރަދު ބޮޑު މަސައްކަތެއްކަމަށާއި، މީގެކުރިން ރާއްޖޭގައި އެފަދަ މަޝްރޫޢުތައް ހިންގުމުގައި ބޭނުންކޮށްފައިވަނީ ރާއްޖޭން ބޭރުގެ އުޅަނދުތައްކަމުން، މަޝްރޫޢުގެ އަގު އުފުލިފައިވާކަމަށެވެ. ނަމަވެސް އަމިއްލަ އުޅަނދެއް އޮތުމުން މިހާރު ކުޑަ އަގެއްގައި އެފަދަ މަޝްރޫޢުތައް ހިންގޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މަހާ ޖައްރާފަކީ ރާއްޖޭގެ އިތުރުން، ސަރަޙައްދީ ފެންވަރުގައިވެސް ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ ޤާބިލުކަންހުރި އުޅަނދެއްކަމުން، ރާއްޖޭން ބޭރުގެ މަޝްރޫޢުތަކަށްވެސް މަހާ ޖައްރާފު ބޭނުންކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީން މިހާރުވެސް އަންނަނީ ބިން ހިއްކުމުގެ 3 މަޝްރޫޢެއް ކުރިއަށްގެންދަމުންނެވެ. އެއީ ހއ. ހޯރަފުށީ އެއަރޕޯޓާއި، ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އިތުރުން، މާލޭ ސަރަޙައްދުގައި ރިސޯޓެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމެވެ.