ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަބަލުން ސީޝެލްސްއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ދެކަބަލުން ސީޝެލްސްއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހާއި، އަނބިކަބަލުން ފަޒުނާ އަޙްމަދު ސީޝެލްސްއަށް ވަޑައިގެންފައިވަނީ މިއަދުގެ ހެދުނުގެ ވަގުތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސީޝެލްސް އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ސީޝެލްސް ސަރުކާރުގެ ބައެއް ވަޒީރުންނާއި ޢިއްޒަތްތެރިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުން ތަކުގައި ސޮއިކުރެއްވުމާއި، ދެޤައުމުގެ ދެމެދުގައި މަތީފެންވަރުގެ މަޝްވަރާތައް ބޭއްވެވުމާއި ދެ ޤައުމުގެ ރައީސުންގެ ގުޅިފައިވާ ބަޔާނެއް މީޑިޔާއަށް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ވަފުދުގެ ޝަރަފުގައި ސީޝެލްސްގެ ރައީސް ދެއްވާ ރަސްމީ މެންދުރުގެ ފަރިއްކޮޅެއްވެސް އޮންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސީޝެލްސްގެ މަޝްހޫރު ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން ރަސްމީ ދަތުރުފުޅެއްގައި ވައިޑައިގެންނެވި ބޭރުގެ 7 ވަނަ ޤައުމެވެ.