ޚަބަރު

ނޮޅިވަރަންފަރު ސްކޫލުގެ ރަން ޔޫބީލް ފާހަގަކޮށްފި


ހދ.ނޮޅިވަރަންފަރު ސްކޫލަށް 50 އަހަރުފުރޭ ރަން ޔޫބީލް ފާހަގަކޮށްފިއެވެ. ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ހދ.ނޮޅިވަރަންފަރު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް އެސްކޫލްގައިވަނީ ޙާއްސަ ޙާފްލާއެއް ބާއްވާފައެވެ. މިޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މިރަސްމިއްޔާތުގައި ނާއިބް ރައީގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ އާއި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ, ޑރ. މުޞްޠަފާ ލުޠުފީވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ނޮޅިވަރަންފަރު ސްކޫލްގެ 50 ވަނަ އަހަރީ ދުވަހާއި ގުޅިގެންވަނީ ސްކޫލްގައި 2020 ވަނަ އަހަރުން ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ސްކޫލް ޔުނިފޯމް އިފްތިތާޙްކޮށްފައެވެ. މީގެ އިތުރުން ސްކޫލްގެ އާ ލަވަ ވެސް ވަނީ މިރަސްމިއްޔާތުގައި ތަޢާރަފްކޮށްފައެވެ.

ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައިވަނީ 50 އަހަރުގެ ދިގު ތާރީޚުގައި އެކި ގޮތްގޮތުން ސްކޫލަށް ޚިދުމަތްކޮށްދެއްވި ބޭފުޅުންގެ އަގުވަޒަންކޮށް ޚިދުމަތުގެ ހަނދާނީ ފިލާ އަރުވާފައެވެ. އެގޮތުން ޚިދުމަތުގެ ރަންފިލައާއި ރިހި ފިލާގެ އިތުރުން ޚިދުމަތުގެ ލޮއި ފިލާވެސްވަނީ އަރުވާފައެވެ. މީގެ އިތުރުން ސްކޫލްގެ ތާރީޚު އެބޭފުޅަކަށް ނިސްބަތްކުރެވޭ ބޮޑުތަކުރުފާނުގެ ބޮޑުބޭބޭފުޅުކަމަށްވާ މޫސާ އެދުރުކަލޭގެފާނުގެ ހަނދާނީ ފިލާ ތަޢާރަފުކޮށް އެފިލާވަނީ ޙަވާލުކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން މިއެސްކޫލުން އޯލެވެލް އިމްތިޙާނުގައި ބައިވެރިވަމުން އަންނަކަމަށެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ސްކޫލްގެ އޯލެވެލް ނަތީޖާ 75 އިންސައްތައަށްވުރެ މަތީގައި ހިފަހައްޓާފައިވާކަމަށެވެ.

ނޮޅިވަރަންފަރު ސްކޫލަށް 50 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރާއިރު އެސްކޫލުން އަންނަނީ ގިނަ ކާމިޔާބީތަކެއް ޙާސިލުކުރަމުންނެވެ. ސްކޫލްގައި ގުރޭޑު 10 އަކާއި ހަމައަށް މިހާރު ކިޔަވައިދެމުން އަންނައިރު އެސްކޫލްގައި ތަޢުލީމު ޙާސިލުކުރަމުން އަންނަނީ 273 ކުދިންނެވެ. ސްކޫލްގައި 47 މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެއް ދަންފަޅިއަށް މިސްކޫލްގައި ކިޔަވައިދެމުން އަންނައިރު ސްކޫލްގައި ކިޔަވައިދެނީ ކޮންބައިންޑް ސްޓްރީމްގެ ސްޓްރަކްޗަރއަށެވެ.

ނޮޅިވަރަންފަރު ސްކޫލްގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފަށާފައިވަނީ 1969 ވަނަ އަހަރުގެ މޭއި މަހުގެ 19 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ސްކޫލްގައި ކިޔަވައިދޭން ފެށީ މަކްތަބުލް ޤަމަރިއްޔާގެ ނަމުންނެވެ. އޭގެ ފަހުން 1984 ވަނަ އަހަރު ނޮޅިވަރަންފަރު މަކްތަބަށްވަނީ ބަދަލުކޮށްފައެވެ. އޭގެ ފަހުން 1997 ވަނަ އަހަރު ނޮޅިވަރަންފަރު މަދުރަސާއަށް ބަދަލުކޮށްފައިވާއިރު މިހާރުގެ ނަން، ނޮޅިވަރަންފަރު ސްކޫލްގެ ނަމަށް ބަދަލުކޮށްފައިވަނީ 2003 ވަނަ އަހަރުގައެވެ.