ސިއްހަތު

އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ އާންމު ސިއްޙީ ޙާލަތު މިހާރަށްވުރެ ރަނގަޅު ކުރުމަށް - މިނިސްޓަރ އަމީން


އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ އާންމު ސިއްޙީ ޙާލަތު މިހާރަށްވުރެ ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޔުނިސެފުން އޭޝިއާ ސަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޖީން ގޮފްއާއެކު ހެލްތް މިނިސްޓްރީގައި ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮޕް ޕޮލިސީ ޕްލޭނިންގ އިންޓަރނޭޝަނަލް ހެލްތް އައިޝަތު ސާމިޔާ ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭގެ ސިއްޙީ ޙާލަތު އޮތްގޮތް ރީޖަނަލް ޑިރެކްޓަރ ޖީން ގޮފްއާއި ޙިއްސާކޮށްފައިވާކަމަށެވެ. އަދި ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ރާވާފައިވާ ކަންކަމާއި ގުޅޭގޮތުންވެސް މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.

ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކޮށްފައިވަނީ ތުއްތު ކުދިންގެ ސިއްޙީ ޙާލަތު ރަނގަޅުކުރުމާއި، މުޅި ރާއްޖޭގެ އާންމު ސިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން ކައިވެންޏާއި ހަމައިން މާބަނޑުވުމަށް އަންހެނާގެ ހަށިގަނޑު ތައްޔާރު ކުރުމާއި، މާބަނޑު ދުވަސްވަރު ދަރިފުޅުގެ ހެދިބޮޑުވުމަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި އަދި ވިހައިގެން ކުއްޖާގެ ޅަފަތުގައި ގާތުން ދިިިިނުމާއި ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ 2020ވަނަ އަހަރަކީ ރާއްޖޭގެ ޢާއްމު ސިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރައްވާނެ އަހަރެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މިކަމަށް އެހީ ހޯދުމާއި ގުޅޭގޮތުން މިނިސްޓަރ ވަނީ ޔުނިސެފާއެކު މަޝްވަރާވެސް ކުރައްވާފައެވެ. މި މަސައްކަތަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، އަދި ސަރވޭތައް ކުރުމުގައި ޔުނިސެފްގެ އެހީ ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.