ޚަބަރު

ޔާމީން ރަޝީދު މަރާލަން ފުރަތަމަ މަޝްވަރާކުރީ 2 މިސްކިތެއްގައި - ހެކިން


އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދު މަރާލުމުގެ މަޝްވަރާތައް އެންމެފުރަމަ ކޮށްފައިވަނީ 2 މިސްކިތެއްގައިކަމަށް ހެކިބަސްދިން މީހަކު ބުނެފިއެވެ.

ކްރިމިނަލް ކޯޓްގައި ބޭއްވި އަޑުއެހުމެއްގައި ސިއްރު ހެކިބަސް ދިންމީހާ ބުނެފައިވަނީ ޔާމިން ރަޝީދު މަރާލުމުގެ މަޝްވަރާތައް އެންމެފުރަތަމަ ފެށުނީ މާލޭގެ ފުރުޤާނު މިސްކިތާއި، ތޮއިބާ މިސްކިތުގައިކަމަށެވެ. މި މަޝްވަރާތައް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައި ކަމަށާއި، މީގެ ބައެއް މަޝްވަރާތައް މިމައްސަލާގައި ދައުވާލިބޭ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ގޭގައިވެސް ކޮށްފައިވާކަމަށެވެ.

ހެކިބަސްދިންމީހާ ބުނެފައިވަނީ މިމަޝްވަރާތައް ފުރުޤާނު މިސްކިތުގައިރޭވިރު އޭނާވެސް އެތަނުގައި ހުރިކަމަށެވެ. އަދި މިމަޝްވަރާތަކުގައި މިހާރު ދައުލަތުން ދައުވާ އުފުލާފައިވާ ހުރިހާ އެންމެވެސް ބައިވެރިވެފައިވާކަމަށް އޭނާ ބުންޏެވެ. އަދި ޔާމިން ރަޝީދު މަރާލުމުގެ ޚިޔާލު އެންމެ ފުރަތަމަ އައިސްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު "ކައްޓި ހިއްވަރު" ފޮޓޯމައުރަޒުގައި ޤުރުއާނަށް ފުރައްސާރަކޮށް ކުރަހާފައިހުރި ކުރެހުންތަކަކާއި ގުޅިގެން ކަމަށްވެސް އޭނާ ބުންޏެވެ.

މިއަޑުއެހުމުގައި ހެކިވެރިޔާ ބުނީ ޔާމީން ރަޝީދު މަރާލިރޭ ދަންވަރު 2 ޖަހާކަންހާއިރު އޭނާއަށް ޔާމިން ރަޝީދު ފެނުނުކަމަށެވެ. ނަމަވެސް ޔާމިން ފެނުނީ ކޮންތާކުންކަމެއް އޭނާ ބުނެފައެއްނުވެއެވެ. ޔާމީންއަށް ފުރަތަމަ ހަމަލާދީފައިވަނީ ހައިޝަމާއި، ޒިޔާންކަމަށް ފުލުހުން ހާމަކޮށްފައިވާ ސީސީޓީވީ ފުޓޭޖްތައް ބެލުމުން އޭނާއަށް އެގޭކަމަށާ، މިހަމަލާދިނުމުގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުން ސިފަބަދަލުކުރުމުގެ ގޮތުން އެކި އެއްޗިހި ބޭނުން ކޮށްފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ. ދިފާއީ ވަކީލުންވަނީ މިމައްސަލާގައި ސިއްރު ހެކިބަސްދިން މީހާއެރޭ ހޭލާ އުޅުނީ ކީއްވެތޯ ސުވާލުކޮށްފައެވެ.

ނަމަވެސް މިސުވާލަށްވެސް އަދި ދިފާއީ ވަކީލުން ކުރިއެއްވެސް ސުވާލަކަށް އޭނާއަށް ޖަވާބު ނުދެވުމުން ދިފާއީ ވަކީލުން ވަނީ އޭނާގެ ހެކިބަސް ޤަބޫލުނުކުރެވޭނެކަމަށް ބުނެފައެވެ. އަދި މިމައްސަލާގައި އޭނާވެސް ޝާމިލްވާކަމަށްބުނެ ދިފާއީ ވަކީލުންވަނީ އޭނާގެ މައްސަލަވެސް ތަހުޤީޤު ކުރަންޖެހޭ ކަމަށްބުނެފައެވެ. ޔާމިން ރަޝީދު މަރާލާފައިވަނީ 2017ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައި ވަރަށް އަނިޔާވެރިގޮތަށް އޭނާ ދިރިއުޅޭ ގޭގެސިޑިކައިރީގައެވެ.