ދުނިޔެ

ޖޯ ބައިޑެން އިރާގުގެ ބޮޑުވަޒީރަށް ހިތްވަރު ދެއްވައިފި


އިރާގުގެ ހުޅަނގުގެ ރަށެއްކަމަށްވާ ރަމާދީ އައިއެސް ޖަމާއަތުގެ އަތްދަށަށް ދިޔައީ އިރާގު ސިފައިންގެ ހިއްވަރު ނެތުމުންކަމަށް ވިދާޅުވެ އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރ ދެއްކެވި ވާހަކަތަކާ ގުޅިގެން އިރާގު ސަރުކާރު ކަންބޮޑުވެފައި ވަނިކޮށް އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެން އިރާގުގެ ބޮޑުވަޒީރަށް ހިތްވަރު ދެއްވައި ވާހަކަފުޅު ދައްކަވައިފިއެވެ.ވައިޓް ހައުސްއިން ނެރުނު ބަޔާނެއް ބުނާގޮތުން އެމެރިކާގެ ދިފާއީ ވަޒީރުގެ ވާހަކަފުޅާ ގުޅިގެން އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެންވަނީ އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ އާ ފޯނުން ގުޅުއްވައި އައިއެސްއާ ދެކޮޅަށް އިރާގު ކުރަމުންގެންދާ ހަނގުރާމައިގާ އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.މީގެއިތުރުން އައިއެސްއާ ހަނގުރާމަކުރާ އިރާގުގެ ސިފައިންނަށް ހިތްވަރުދެއްވައި ބައިޑެން ވާހަކަ ދެއްކެވިކަމަށް ވައިޓް ހައުސްއިން ބުނެއެވެ.ރަމާދީ އައިއެސް ޖަމާއަތުގެ އަތްދަށަށް ދިޔައީ އިރާގު ސިފައިންގެ ހިތްވަރު ނެތުމުންކަމަށް ވިދާޅުވެ އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރ ދެއްކެވި ވާހަކަތަކާ ގުޅިގެން އިރާގުގެ މަސްއޫލުވެރިންވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި އިރާގުގެ ޕާލަމެންޓްގެ އަމަނާ އަދި ދިފާއީ ކަންކަމާބެހޭ ކޮމިޓީގެ ވެރިޔާ ވަނީ އެމެރިކާގެ ދިފާއީ ވަޒީރުގެ ވާހަކަތަކުގައި އެއްވެސް އަސާސެއްނެތް ކަމަށް ވިދާޅުވެ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.