ކުޅިވަރު

އުއްމީދަކީ ދީމާ ބައިވެރިވާ ކޮންމެ މުބާރާތަކުންވެސް ރަން މެޑަލް ހޯދުން: ދީމާގެ ބައްޕަ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ހިސާބުން ނިންމާނުލައި ދީމާ ރާއްޖެ ތަމްސީލްކުރާ ކޮންމެ މުބާރާތެއްގައިވެސް ރަން މެޑަލް ހޯދުމަކީ އުއްމީދުކަމަށް ޓީޓީގެ ޒުވާން ތަރި ދީމާ އަލީގެ ބައްޕަ އަބްދުއްސައްތާރު އަލީ ބުނެފިއެވެ.

އަބްދުއްސައްތާރު އަލީގެ ދަރިފުޅު ފާތިމަތު ދީމާ އަލީވަނީ ދާދިފަހުން ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ތިން ރަން މެޑަލް ހޯދާފައިއެވެ. އޭނާއަކީ ގޭމްސްއެއްގައި މިހާތަނަށް އެންމެ ގިނަ ރަން މެޑަލް ހޯދި އެތްލީޓް އަދި ދީމާއަކީ ރަން މެޑަލް ރާއްޖެއަށް ހޯދައިދިން އެންމެ ޒުވާން އެތްލީޓުވެސްމެއެވެ.

މި ކާމިޔާބީއާއި ގުޅޭގޮތުން ދީމާގެ ބައްޕަ އަބްދުއްސައްތާރު އަލީ ބުނީ މިއީ ދީމާ ޓީޓީ ކުޅެން ފެށީއްސުރެ ދެކެމުން އައި ހުވަފެނެއްކަމަށާއި، އެންމެ ތިން އަހަރުތެރޭގައި މިވަރުގެ ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް އުއްމީދުވެސް ނުކުރާކަމަށެވެ.

ދީމާގެ ބައްޕަ ބުނީ ދީމާ ހޯދި ބޮޑު ކާމިޔާބީއަށްފަހު ރާއްޖެއައުމުން ރައްޔިތުން ކީ ޚޫނު މަރުޚަބާއަކީ ދުވަހަކުވެސް އުއްމީދުކުރިވަރުގެކަމެއް ނޫންކަމަށާއި މި ގޭމްސްއަކީ ހުރިހާ ގޮތަކުންވެސް މުޅިން ތަފާތު ތަޖުރިބާއެއްކަމަށެވެ.

ސައްތާރު ބުނީ ދީމާއާއިއެކު އަބަދުވެސް ހުންނަން ދެ މައިން ކުރާ މަސައްކަތުގައި ކުރިއަށް އޮތްތާގައިވެސް އެސޯސިއޭޝަނުންނާއި އެމްއޯސީން އެހީތެރިވާނެކަމަށް އުއްމީދުކުރާކަމަށެވެ. އަދި ދީމާ ގޭމްސްގައި ހޯދި ކާމިޔާބީ އޭނާ ރާއްޖެ ތަމްސީލްކުރާ ކޮންމެ މުބާރާތެއްގައިވެސް ހޯދާނެކަމަށް އުއްމީދުކުރާކަމަށް 11 އަހަރުގެ ދީމާގެ ބައްޕަ ބުންޏެވެ.