ވިޔަފާރި

ފައިސާގެ މުޢާމަލާތްކުރުމަށް ބީއެމްއެލްއިން ފަސޭހަ ނިޒާމެއް ތަޢާރަފްކުރަނީ


ޓެކްނޮލޮޖީގެ ބޭނުން ހިފައި ފައިސާގެ މުޢާމަލާތްތައް ކުރުމަށް އައު ޕޭމަންޓް ނިޒާމެއް ތަޢާރަފްކުރުމަށް ނިންމާފައިވާކަމަށް ބީއެމްއެލްގެ ސިއީއޯ ޓިމޮތީ ސޯޔަރ ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ބޭންކުގެ ސީއީއޯގެ މަޤާމާއި އަލަށް ހަވާލުވެވަޑައިގެންނެވި ޓިމޮތީ ސޯޔަރ ވިދާޅުވީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ބޭންކުގެ ނިޒާމު ހަރުދަނާކުރުމަކީ ބޭންކުގެ އަމާޒެއްކަމަށެވެ.

މި މަސައްކަތުގެ ދަށުން ބޭންކުން މިހާރު ފައިސާގެ މުޢާމަލާތްކުރުމަށް ބޭނުންކުރާ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނެސް ކުރިއަށްއޮތް ހަފްތާތެރޭގައި އައު ޕޭމެންޓް ނިޒާމް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށް ޓިމޮތީ ވިދާޅުވިއެވެ.

"ޓެކްނޮލޮޖީ މިވަނީ ބޭންކިންގ ސެކްޓަރ ބަދަލުކޮށްފަ. ބޭންކުގެ 90 އިންސައްތަ ޓްރާންސެކްޝަންތައް ކުރިއަށްމިދަނީ ޓެކްނޮލޮޖީ މެދުވެރިކޮށް. ޓެކްނޮލޮޖީއާއެކު އެތައް ފަސޭހަތަކެއް ލިބިގެންދާއިރު ކުރީގެ ބޭންކިންގ ނިޒާމުތަކުގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއަށްދާން ޖެހޭ. ކުރިޔަށް އޮތް ދެތިން ހަފްތާތެރޭ އަޅުގަނޑުމެން ފައިސާގެ މުޢާމަލާތްކުރުމަށް އައު ގޮތްތަކެއް ތަޢާރަފްކުރެވިގެންދާނެ" ސިއީއޯ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި ޕޭމެންޓް ސިސްޓަމަކީ ކިއުއާރ ކޯޑާއި ޕޭމެންޓް ލިންކުތައް ބޭނުންކޮށްގެން އެކުލަވާލާފައިވާ ނިޒާމެއްކަމަށެވެ. ކުރިއަށް އޮތް ދެތިން ހަފްތާތެރޭ މި ނިޒާމް ތަޢާރަފްކުރެވިގެންދާއިރު ބޭންކުގެ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

" ބޭންކުން މަސައްކަތްކުރަމުން މިދަނީ ފައިސާ ދެއްކޭނެ ފަސޭހަ ނިޒާމެއް ތަޢާރަފްކުރަން. އެހެންމަ މިހާރު އަޅުގަނޑުމެން ޓެސްޓުކޮށް ނިމިފައި ވަރަށް އަވަހަށް އައު ޕޭމެންޓް ނިޒާމެއް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފަ. އެއީ އެމްއެސް އާއި ކިއުއާރ ކޯޑާއި ޕޭމެންޓް ލިންކުތައް ބޭނުންކޮށްގެން ފަސޭހައިން ފައިސާދެއްކޭނެ ފަސޭހަ ނިޒާމެއް. އެހެންވީމަ ޕީއޯއެސް މެޝިނުގެ ބަދަލުގައި އިތުރު ވަސީލަތްތައް ބޭނުންކޮށްގެން އިތުރު ނިޒާމެއް ތަޢާރަފްކުރެވިގެންދާނެ" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ކުރިއަށްގެންދަމުންދާ ޕޮއިންޓް އޮފް ނެޓްވޯކް، ނުވަތަ ޕީއޯއެސް ގެ ޚިދުމަތްތައް ފުޅާކޮށް ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިޚިދުމަތް ތަޢާރަފްކޮށްފައިވާއިރު މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބިއެމްއެލްގެ 5400 ޕީއޯއެސް މާޗަންޓުން ތިބެއެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ 20 އަތޮޅުގައި 37 ބްރާންޗާއި 102 އޭޓީއެމްއާއި 277 ކޭޝް އޭޖެންޓުންނާއި 42 ސެލްފް ސަރވިސް ބޭންކް ސެންޓަރެއް ބޭންކުން ވަނީ ޤާއިމްކޮށްފައެވެ.

ބީއެމްއެލްގެ ވިއުގާ ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކުރަމުންދާއިރު އަލަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ޕޭމެންޓް ސިސްޓަމާއިއެކު ކަސްޓަމަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބޭންކުން ޤަބޫލުކުރެއެވެ.