ކުޅިވަރު

"ރާއްޖޭގެ ކުޅުންތެރިން މާ މޮޅު! މޮރީޝަސްއަށް ދެން ނާންނާތި!"


ދާދިފަހުން މޮރީޝަސްގައި ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ކާމިޔާބީއަކީ މިހާތަނަށް ރާއްޖެއަށް ކުޅިވަރު މައިދާނުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ޖުމްލަ 15 މެޑަލް ރާއްޖޭގެ ޓީމުން ހޯދިއިރު، އެންމެ ގިނަ ބައެއްގެ ތަޢުރީފު ލިބުނީ 5 މެޑަލް ހޯދި ދިވެހިރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް އަންހެން ޓީމަށެވެ. އަންހެން ޓީޓީ ޓީމުން ފަސް މެޑަލް ހޯދިއިރު، އެ ޓީމުން ހޯދި ތިން ރަން މެޑައްޔަކީ ޤައުމީ ރެކޯޑެކެވެ. އަދި 11 އަހަރުގައި ދީމާ އަލީ ހޯދި ކާމިޔާބީއަކީވެސް ރެކޯޑެކެވެ.

މި ހުރިހާ ކާމިޔާބެއްގެ ތެރެއިން ޓީޓީ ޓީމަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މޮރީޝަސްގެ ރައްޔިތުން އަންހެން ޓީޓީ ޓީމަށް ދިން ލޯތްބާއި ސަޕޯޓެވެ. އަމިއްލަ ޤައުމަށް ސަޕޯޓްކުރުން މަޑުޖައްސާލުމަށްފަހު ރާއްޖޭގެ ކުޅުންތެރިންނަށް ތަރުޚީބުދީ ހިތްވަރުދިންތަންވެސް ފެނުނެވެ. އަންހެން ޓީޓީއަށްބަލާއިރު ގޭމްސްގެ ގަދަ ބާރު މޮރީޝަސްގެ އަންހެން ކުޅުންތެރިންނަށް މި ގޭމްސްގައި މާ ބޮޑު ކާމިޔާބެއް ނުހޯދުނެވެ.

ވަރުގަދަ މޮރީޝަސްގެ ކުޅުންތެރިން މުބާރާތުގެ ޑަބަލްސް، ޓީމް އިވެންޓް އަދި ސެމީ ފައިނަލްގައިވެސް ކެޓީ ރާއްޖޭގެ ކުޅުންތެރިން އަތުން ބަލިވެގެންނެވެ. 2015ގެ ރަން މެޑަލް ހޯދި މޮރީޝަސްގެ އަންހެން ޓީމަށް މިފަހަރު ދިވެހިރާއްޖޭގެ ޒުވާން ކުޅުންތެރިން ކުރިމަތީގައި މާ ބޮޑު "ޖާދުލެއް" ދެއްކޭ ގޮތެއް ނުވިއެވެ.

ގޭމްސްގެ އިވެންޓްތައް ނިމެމުންދިޔަ ވަރަކަށް ރާއްޖޭގެ ކުޅުންތެރިންގެ މަގުބޫލުކަންދިޔައީ އިތުރުވަމުންނެވެ. ރަފާ ނާޒިމްގެ މޮޅު ކުޅުމާއި ދީމާ އަލީގެ ކުޅުން ފާހަގަކޮށް ދެ ކުޅުންތެރިންގެ ސަޕޯޓަރުން ދިޔައީ ގިނަވަމުންނެވެ. ދެ ކުޅުންތެރިންނާއިއެކު "ސެލްފީ" ނަގާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. ދެ ކުޅުންތެރިންގެ އިންޓަވިއު ހޯދަން މޮރީޝަސްގެ ނޫސްވެރިން އައީ ކިޔު ހަދަމުންނެވެ.


މޮރީޝަސްގެ ކުޅުންތެރިން ކޮންމެ ފަހަރަކު ރާއްޖޭގެ ކުޅުންތެރިން އަތުން ބަލިވާތަން ބަލަން އެޤައުމުގެ ސަޕޯޓަރުންނަށް ކެތެއް ނުވިއެވެ. އެންމެ ފަހުން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލަށްފަހު ސަޕޯޓަރަކު ރާއްޖޭގެ މެނޭޖަރު ގާތުގައި ބުނީ މޮރީޝަސްގައި އޮންނަ މުބާރާތަކަށް މީގެ ފަހުން ރާއްޖެ ނައުމަށް އެދޭކަމަށެވެ.

"ރާއްޖޭގެ ކުޅުންތެރިން މާ މޮޅު، އަހަރުމެންނަށް އެއްވެސް މެޑައްޔެއް ނުދީ ތި ގެންދަނީ ހުރިހާ ރަން މެޑައްޔެއް، ދެން މޮރީޝަސްއަށް ނާންނައްޗޭ" މޮރީޝަސްގެ ސަޕޯޓަރު ބުންޏެވެ.

މަޖާކޮށްލުމުގެ ގޮތުންނަމަވެސް އެ ސަޕޯޓަރު ބުނި މި ވާހަކައިން ދޭހަވާ އެތައް ކަމެއް އެބައޮތެވެ. ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ފެނިފައި އެ ޤައުމުގެ ރައްޔިތުން ޖެހިލުންވީއެވެ. ރާއްޖޭގެ ކުޅުންތެރިން އަތުން ކޮންމެ ފަހަރަކު މޮރީޝަސްގެ ކުޅުންތެރިން ބަލިވާތަން ބަލަން ކެތް ނުވީއެވެ. މޮރީޝަސްގެ އުއްމީދުތައް ފެނަށް ދުއްވާލީ ރާއްޖޭގެ ޓީޓީ ޓީމުންކަން ޔަގީންވީއެވެ. މޮރީޝަސްގެ ސަޕޯޓަރުންވެސް ދިވެހި އުއްމީދީ ކުޅުންތެރިން ފެނިފައި އާޝޯހުވީއެވެ. މިއީ ހަމަ ޔަގީނުންވެސް މުބާރާތުން ރަން މެޑަލް ހޯދުމުގެ އިތުރުން ލިބުނު ބޮޑު ކާމިޔާބީއަކާއި ޝަރަފެކެވެ.