ޚަބަރު

"ޒުވާނުންގެ ހޮޅުއަށި" - ޒުވާނުންނާ ގުޅޭ މުހިންމު މަޝްވަރާތަކެއް


މުޖުތަމަޢުގައި ޒުވާނުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް "ޒުވާނުންގެ ހޮޅުއަށީ"ގެ ނަމުގައި ޙާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. ޔޫތް މިނިސްޓްރީއިން އިސްނަގައިންގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޒުވާނުންނަށް ކުރިމަތިވެފައިވާ ދަތިތަކާބެހޭގޮތުން ޕްރޮފެސަރ ޙަސަން އުގައިލްއާއެކު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ވިލިމާލޭ އިޖުތިމާއީ މަރުކަޒުގައި ކުރިއަށްގެންދިޔަ "ޒުވާނުންގެ ހޮޅުއަށި" ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ޕްރޮފެސަރ ހަސަން އުގައިލްވަނީ ދަރިންނަށް ތަރުބިއްޔަތު ދިނުމުގައި ކުއްޖާ ދިރިއުޅޭ މާޙައުލު މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ. އަދި ރަނގަޅު ތަޢުލީމަކާއެކު ކުއްޖާ ހެދިބޮޑުވުމަށް ފަހި މާޙައުލެއްގެ މުހިންމުކަން ފާހަގަކުރައްވާ، ޒުވާނުންނަށް މުޖުމަތަމަޢުގައި އިސްކަންދޭންޖެހޭކަމަށް ޕްރޮފެސަރ އުގައިލް ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ޒުވާނުންގެ ދައުރު ވަރަށް މުހިންމު. ދަރިންނަށް ތަރުބިއްޔަތު ދިނުމުގައި ކުއްޖާ ދިރިއުޅޭ މާޙައުލު މުހިންމު. އަދި ރަނގަޅު ތަޢުލީމަކާއިއެކު ކުއްޖާ ހެދިބޮޑުވުމަށް ފަހި މާޙައުލެއް މުހިންމު." ޕްރޮފެސަރ އުގައިލް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި އުގައިލް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޕްރޮފެސަރ އުގައިލް ވަނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި އިޖުތިމާއީއެކި މައްސަލަތަކަށް ހޭލުންތެރިކުރުވުމަށް "އުގައިލް ޓޯކްސް" ސީރީސް އިފްތިތާޙްކޮށްފައެވެ. އެގޮތުން މި ހަރަކާތުގެ ފުރަތަމަ ހަރަކާތުގެ ދަށުން ޒުވާނުންގެ ސުވާލުތަކާއި އޮޅުން ފިލުވަން ބޭނުންވާ ސުވާލުތަކަށް ޕްރޮފެސަރ އުގައިލް ވަނީ ޖަވާބުދެއްވާފައެވެ.

"ޒުވާނުންގެ ހޮޅުއަށި" މި ހަރަކާތަކީ މުޖުތަމައުގައި ޒުވާނުންނަށް މެދުވެރިވެފައިވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް ވާހަކަދެއްކުމަށް މި ސަރުކާރުން ފެށި ހޮޅުއަށި ސީރީސްގެ ތިންވަނަ ހަރަކާތެވެ. މިހަރަކާތުގައި ވިލލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ.