ކުޅިވަރު

ރާއްޖޭގެ ޓީމަށް ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުވެއްޖެ


އޭޝިއަން ސީނިއާ މެންސް ސެންޓްރަލްޒޯން  ވޮލީބޯޅަމުބާރާތުގައި ނޭޕާލް އަތުންމޮޅުވެ، މުބާރާތުގެ ސެމީފައިނަލަށް ދިޔުމުގެ ފުރުޞަތު ރާއްޖޭގެ ޓީމުން ތަނަވަސްކޮށްފިއެވެ.މުބާރާތުގައި ރާއްޖޭގެ ޓީމް ކުޅުނު ދެވަނަ މެޗުގައި ނޭޕާލާއި ދެކޮޅަށް ނިކުމެ ދިވެހި ފިރިހެން ވޮލީ ޓީމް މެޗް ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ.މެޗުގެ ފުރަތަމަ ސެޓު ނަވާރަ ފަންސަވީހުން ނޭޕާލް ހޯދާފައިވަނިކޮށް ދިވެހި ޓީމް ވަނީ ޖެހިގެން އައި ތިން ސެޓް ކާމިޔާބުކޮށްފައެވެ.ޖެހިގެން އައި ތިން ސެޓު ދިވެހި ގައުމީ ވޮލީ ޓީމް ހޯދީ ފަންސަވީސް ވިހި، ފަންސްވީސް ބާވީސް އަދި ފަންސަވީސް ނަވާރައިންނެވެ.މެޗަށް ފަހު ގައުމީ ފިރިހެން ވޮލީ ޓީމްގެ އެސިސްޓަންޓް ކޯޗް އަހުމަދު ސާޖިދު ބުނީ މެޗުގައި ދިވެހި ޓީމްގެ އަސްލު ފެންވަރު ދައްކާލެވިއްޖެކަމަށާއި، މެޗުން މޮޅުވީ މޮޅަށް ކުޅެގެންކަމަށެވެ. އަދި މުބާރާތުގައި ކުރިއަށްދިޔުމަށް މި މޮޅާއިއެކު އިތުރު ހިތްވަރު ޓީމަށް ލިބިގެންދިޔަ ކަމަށެވެ.މެޗުގައި ރާއްޖޭގެ ޓީމުން އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ މުހައްމަދު އަހުސަން ބުނީ ޓީމާއިއެކު އޭނާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވުމުން ހިތްހަމަޖެހޭކަމަށާއި، މި މޮޅު އޭނާ ހާއްސަކުރަނީ އޭނާއަށް ދާދިފަހުން ލިބުނު ފިރިހެން ދަރިފުޅަށްކަމަށެވެ.އާއިލީކަމެއްގައި މާލޭގައި ހުންނަން ޖެހުމުގެ ސަބަބުން އަހުސަން ޓީމާ ގުޅިފައިވަނީ އިއްޔެއެވެ. އަދި އިއްޔެގެ މެޗަކީ އަހުސަން ޓީމާއެކު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.މި މުބާރާތުގައި ރާއްޖޭގެ ޓީމް ކުޅޭ ތިންވަނަ މެޗުގައި ނިކުންނާނީ ކިރިގިސްތާނާއި ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބޭނެއެވެ.