ޚަބަރު

ރަސްރަނި ބަގީޗާގެ ނަން އަނެއްކާވެސް ސަލްޓަން ޕާކަށް!


ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލުކޮށްފިއެވެ. ނަމަށް ބަދަލުގެނެސްފައިމިވަނީ ކުރިން ސަލްޓަމްޕާކުގެ ނަމުގައި އެޕާކަށް ކިޔެމުން އަންނަނިކޮށް ވޭތުވެދިޔަ ސަރުކާރުން އެތަނަށް ޒަމާނީ ބަދަލުތަކެއް ގެނެސް ރަސްރަނި ބަގީޗާއަށް ނަން ބަދަލުކޮށްފައިވަނިކޮށެވެ.

ސަލްޓަން ޕާކު ބިމަކީ ދިވެހިރާއްޖޭގެ ރާތީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ބިމެކެވެ. ރާއްޖޭގެ ރަސްރަސްކަލުންނާއި ރަނިން އެތަށް ޒަމާންތަކެއް ވަންދެން ދިރިއުޅުއްވި ގަނޑުވަރުކޮޅުތައް ހުރި ބުމެވެ. އެގަނޑުވަރުތަކުގެތެރެއިން އެންމެ އުސްކޮށް އިމާރާތްކުރި އުސްގެކޮޅު މިހާރުވެސް އެތާގައި އެބަހުއްޓެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެގަނޑުވަރުތައް ތަޅައި އެތަން ސާފުކުރުމަށްފަހު ގަސްއިންދައި ޕާކެއްގެ ގޮތުގައި ހެދުމަށްފަހު ސަލްޓަންޕާކުގެ ނަން ދީފައިވަނީ 1969ގައެވެ.

ނަމަވެސް މިދިޔަ ސަރުކާރުން ސަލްޓަން ޕާކު އަލުން ތަރައްޤީކޮށް ހުޅުވިއިރު އެތަނުގެ ނަންވަނީ ބަދަލުކޮށްފައެވެެ. އެގޮތުން އެތަށް ޒަމާންތަކެއް ވަންދެން "ސަލްޓަން ޕާކު"ގެ ނަމުގައި ބޭނުންކުރަމުން އައި އެތަނުގެ ނަން "ރަސްރަނި ބަގީޗާ"އަށް ބަދަލުކޮށްފައިވަނީ މިދިޔަ 2017ވަނަ އަހަރުއެވެ. ރަސްރަނި ބަގީޗާގެގޮތުގައި ނަން ބަދަލުކޮށްފައިވަނީ ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންނަށް ނިސްބަތްކޮށް ދިވެހި ނަމެއް ކިޔުމުގެގޮތުންކަމަށް އޭރު ބުނެފައިވެއެވެ.

އެހެންނަމަވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ އެތަނަކީ ރާއްޖޭގެ ތާރީޚީ މުހިންމު ބިނާއަކަށް ވެފައި، އެޕާކަށް އެންމެ ފުރަތަމަ ކިޔަމުން އައި ނަން ދަމަހައްޓަން ބޭނުންވާކަމަށެވެ.
އެތަނުގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކޮށް ރަސްރަނި ބަގީޗާގެ ނަމުގައި ޖަހާފައިވާ ނަންބޯޑު ނަގައި، މިހާރުވަނީ އެތަނުން ނަގާފައެވެ.

ނަން ބަދަލުކުރުމާއި ބައެއް މީހުން ސޯޝަލް މީޑިއާގައި އެކަމާއި އެއްކޮޅަށް ވާހަކަދައްކަމުން އަންނައިރު، އަނެއްބަޔަކު ބުނަމުން ދަނީ އެތަނުގެ ނަމަކަށް އޮންނަންވާނީ ދިވެހި ނަމެއްކަމަށެވެ.