ވިޔަފާރި

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ


މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، ވަރލްޑް ރިކޯޑެއް ހެދުމަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިފްތް ޓުއަރިޒަމް މާސްޓަރ ޕްލޭން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިއަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސެޕްޓެމްބަރު މަހުގެ 23 އިން ފެށިގެން އޮކްޓޯބަރު މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް މިނިސްޓްރީން ނިންމާފައިވާކަމަށެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޓޫރިޒަމް ދުވަހަކީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހެވެ.

ޓޫރިޒަމް ކޮންފަރަންސަކާއެކު ފަށާ މި ކުލަގަދަ ހަރަކާތުގައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަށް ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެތެރޭގައި މާލެ ވަށައި މޫދުގައި ހިއުމަން ރިންގެއް އެޅުމާއި ފްރީޑައިވް ރިކޯޑެއް ހިމެނޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަލަށް ކުރުމަށް ނިންމާފައިވާކަމެއް، ވެރިކަން ކުރާ ރަށެއްގައި ހިއުމަން ރިންގެއް މޫދުގައި ވަށައިގެން އެޅުމަށް. އަޅުގަނޑު ދަޢުވަތު އަރުވަން ރާއްޖޭގެ ރައްޔިތުންނަށް ސެޕްޓެމްބަރު މަހުގެ ފަހުކޮޅު މާލެ ވަށައި މޫދުގައި މި ހިއުމަން ރިންގ އެޅުމަށް. ކެޕިޓަލް ސިޓީއެއްގެ ވަށައި އިރާދަކުރެއްވިޔާ ފުރަތަމަ ހިއުމަން ރިންގ އަޅާނީ އަޅުގަނޑުމެން. އަޅުގަނޑުމެން ބޭނުންވަނީ ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެ ފަވާލަން. ހަމައެއާއިއެކު، ފްރީ ޑައިވް ވޯރލްޑް ޗެމްޕިއަނުންނާއެކު ރާއްޖޭގެ ރިސޯޓެއްގައި ފްރީ ޑައިވް ވަރލްޑް ރިކޯޑް އެޓެމްޓެއްގެ ވެސް މަސައްކަތް ކުރާނަން." މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ކުލަގަދަ ހަރަކާތްތަކުގެ ތެރެއިން ކުރެހުންތެރިންގެ މަޢުރަޒަކާއި ބޮއްކުރާ ރޭހަކާއި ކިޑްސް ފިއެސްޓާރ އެއްގެ އިތުރުން ދިވެހި ޘަޤާފީ ކެއުންތައް ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގައި ބޭނުންކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ކިޑްސް ފިއެސްޓަރއެއް ރާއްޖޭގައި ބޭއްވުމަށް ނިންމީ ވަރަށް މުހިއްމު ބޭނުމެއްގައި ކަމަށެވެ. އެގޮތުން މި ކިޑްސް ފިއެސްޓާއިން ހޮވާ އެންމެ މޮޅު ކުއްޖަކަށް ދުބާއީގެ ސްޕެނިޝް ސޮކަރ ސްކޫލްގައި ބައިވެރިވުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީސް ހުޅުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިއަހަރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ އަންނަ އަހަރު ދުބާއީގައި ބާއްވާ 13 އަހަރުން ދަށުގެ މުބާރާތުގައި ދުބާއީގައި އޮތް ސްޕެނިޝް ސޮކަރ ސްކޫލްގައި ދިވެހިރާއްޖޭގައި ކިޑްސް ފިއެސްޓާއިން ހޮވާ އެންމެ މޮޅު ކުއްޖާ ބައިވެރިކުރުމަށް. މި ކުއްޖާ ދުބާޢީ ޓީމުގައި މި ޓޫރިޒަމް ސިނާޢަތުގެ ދަށުން ބަހައްޓަދޭނަން." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރާއިރު، މިއީ މިހާ ފުޅާގޮތެއްގައި މިކަން ފާހަގަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.