ޚަބަރު

އައްޑޫ ސިޓީގައި 4000 އެނދު ތަރައްޤީކުރަނީ


ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް އައްޑޫ ސިޓީން ދޫކޮށްފައިވާ ބިންތަކުން 4000 އެނދު ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ފިފްތް ޓޫރިޒަމް މާސްޓަރ ޕްލޭން ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އައްޑޫ ސިޓީގައި ޖުމްލަ 8000 އެނދު ތަރައްޤީކުރުމަށް ސަރުކާރުން ވަޢުދުވެފައިވާއިރު، މީގެ ތެރެއިން ކައިރު މުސްތަޤްބަލެއްގައި 4000 އެނދު ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މި އެނދުތައް ތަރައްޤީކުރުމުގެ ހުއްދަ އައްޑޫ ސިޓީ ކައުންސިލަށް ދޭން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އައްޑޫ ސިޓީގެ އެނދުތަކަކީ ޖުމްލަ ހަތަރުހާސް އެނދު ހިމެނޭގޮތަށް އިއުލާންކުރި ކުރުމެއް. އައްޑޫ ސިޓީ އަށް އަޅުގަނޑުމެން ވަޢުދުވީ އަށްހާސް އެނދު. އޭގެއިން ދެބައިކުޅަ އެއްބައި އެނދުގެ ހުއްދަ އަޅުގަނޑުމެންގެ ސަރުކާރުން ދޭނަން. ސިޓީ ކައުންސިލާއި ގުޅިގެން އަޅުގަނޑުމެން އައްޑޫ ބަދަލުކުރާނަން." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ބޭނުންމަށް އައްޑޫ ސިޓީގެ ހަ ރަށަކުން ބިން ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މިނިސްޓަރު ވިދާޅުވީ ބިން ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްތަކަކީ ފަތުރުވެރިކަން ފެތުރިފައިނުވާ ސަރަޙައްދުތަކަށް ބެލުމަށްފަހު ކަނޑައަޅާފައިވާ ރަށްތަކެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިރަށްތަކުގައި ފަތުރުވެރިކަން ފުޅާކޮށް މުޅި ރާއްޖެއަކީ ވެސް ފަތުރުވެރިކަމުގެ ނަފާ ލިބޭ ތަނަކަށް ހެދުނަކަމަށެވެ.

"އުލިގަމާއި ކެލަޔަށް އިތުރު ފުރިހަމަކަމެއް އަންނާނެ. ދައްޕަރަށް ބަދަލު އަންނާނެ. ބޮޑު ތިލަދުންމައްޗާއި އައްޑުއަށް އަޅުގަނޑުމެން ބަދަލު ގެންނާނަން. މިއީ ރާއްޖޭގެ ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް އަމާޒުހިފާނެ ސަރުކާރަކަށް ވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙް ވަނީ، މީހުން ދިރިއުޅޭ ބިން ބޮޑެތި 11 ރަށެއްގައި ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބީލަމުގެ އުޞޫލުން ބިންތަކެއް ދޫކުރުމަށް ނިންމަވާފައިވާކަމަށް އިޢުލާންކޮށްފައެވެ.

އެގޮތުން ހއ. ފިއްލަދޫން ދައްޕަރު ސަރަޙައްދާއި ހއ. އުލިގަން، އަދި ހއ. ކެލާގެ އިތުރުން، އައްޑޫ ސިޓީގެ 6 ރަށަކާއި، ލ. ގަމާއި، ފުވައްމުލަކު ތުނޑީ ސަރަޙައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ރައިސް ވިދާޅުވިއެވެ.